ޕާކިސްތާނުގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔަކީ ޒުވާން ގޯލްކީޕަރު ސާގިބް ހަނީފެވެ. އުމުރުން 24 އަހަރުގެ ސާގިބަކީ ދިވެހި ފުޓުބޯޅައާވެސް ރައްޓެހި ކުޅުންތެރިޔެކެވެ. 2016 ވަނަ އަހަރު ބީޖީ ސްޕޯޓްސް ކްލަބަށްވެސް ސާގިބް ކުޅުނު އިރު، އެ ސީޒަނުގައި އޭނާ ވިދާލިއެވެ.

އޭގެ ފަހުން އއ. މާޅޮސް އަދި ފޯކައިދޫއަށްވެސް މޮޅު ކުޅުމެއް ދެއްކި ސާގިބު ވަނީ ރާއްޖެއިން ހޯދި ތަޖުރިބާއާއެކު އެގައުމުގެ ގައުމީ ޓީމުގައިވެސް މުހިއްމު ކުޅުމެއް ދައްކާފައެވެ. މިދިޔަ އަހަރު އެގައުމުން އޮލިމްޕިކް ކޮލިފިކޭޝަން ޓީމުގައި ސާގިބު ފުލްކޮށް ކުޅުނު އިރު، އެ މުބާރާތުގައި ޕާކިސްތާނުން ހޯދި ތާރީހީ ކާމިޔާބީގައި އޭނާގެ ހިއްސާ ބޮޑެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: މާޒިޔާ އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅުމަކީ އަހަންނަށް ކޮންފިޑެންސް ލިބޭ ކަމެއް. އެއީ މުހިއްމު ކަމެއް އެފަދަ ލީގު ތަކުގައި ކުޅުމަކީވެސް،" ސާގިބު ޕާކިސްތާން ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ކުރިއަށް އޮތް ސީޒަނަށް ޖޫން މަހު ފޯކައިދޫ އެފްސީއަށް އޭނާ ގުޅޭނެ ކަމަށް ނޫހަށް ޔަގީން ކޮށްދީފައިވާ އިރު، އޭނާ ބުނީ ރާއްޖޭ ލީގުގެ ޑައިވާސިފިކޭޝަނަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

"ރާއްޖޭ ލީގުގައި އެބަކުޅޭ ބްރެޒިލް، ސްޕެއިން އަދި ކުރިއަރަމުން އަންނަ ގައުމުތަކުގެ ކުޅުންތެރިންވެސް. ހަމައެއާއެކު ރާއްޖޭ ލީގަކީ ފެންވަރު ރަނގަޅު ލީގެއް. ހާއްސަކޮށް ކްލަބުތަކުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބަލާ ލީގެއް،" ސާގިބް ބުނެފައިވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ށ. ފޯކައިދޫ އަދި ފ. ނިލަންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފީފާއިން ޕާކިސްތާން ސަސްޕެންޑް ކޮށްފައިވުމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ފުޓުބޯޅައަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. އެގައުމުގެ ލީގުވެސް މެދު ކަނޑާލުމަށްފަހު އަނެއްކާވެސް ފަށާފައިވާ އިރު، މިސްރާބު ހުރީ ރަނގަޅަށެވެ. އެހެން ނަމަވެސް އަދިވެސް އެފްއޭ ތެރޭގައި ގިނަ މައްސަލަތަކެއް ހުރި އިރު، ކުރިއަށް އޮތް ތަނުގައި ޕާކިސްތާނުގެ ފުޓުބޯޅައަށް އަނެއްްކާވެސް ލޮޅުމެއް އައިސްދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު