އާޖެންޓީނާގެ ތަރި އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ހިތްގައިމު ހެޓްރިކާއެކު، އެޓީމުން ސެވިއްޔާ ބަލިކޮށްފިއެވެ.

މިރޭ ރަށުން ބޭރުގައި ބާސާއާއި ސެވިއްޔާ ވާދަކުރި މެޗު 4-2ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗުގައި މެސީ ވަނީ އޭނާ ކެރިއަތުގައި ހެދި 50 ވަނަ ހެޓްރިކް ހަދާފައެވެ.

މެޗުން މޮޅުވެ ބާސާ އޮތީ 10 ޕޮއިންޓްގެ ލީޑެއްގައެވެ. އެޓީމަށްވުރެ މެޗެއް މަދުން އެތުލެޓިކޯ މެޑްރިޑް ކުޅެފައިވާ އިރު، އެޓީމަށް ލިބެނީ 47 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑުން 24 މެޗު ކުޅުނު އިރު، އެޓީމަށް ލިބެނީ 45 ޕޮއިންޓެވެ.

މިހާތަނަށް ކެރިއަރުގައި 650 ގޯލް މެސީ ޖަހާފައިވާ އިރު، މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ސެވިއްޔާއިންނެވެ. ކުރިން ސިޓީއަށް ކުޅުނު ސްޕެއިންގެ ވިންގާ، ޖީސަސް ނަވާސް ސެވިއްޔާއަށް ލީޑު ނަގައިދިން އިރު، އެ ގޯލަށް މާ ގިނައިރެއް ނުވެ، މެސީގެ ހިތްގައުމު ގޯލާއެކު ބާސާއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

އަރިމަތިން ރަކަޓެޗް ނަގައިދިން ހުރަސް، އޭރިއާ ރޮނގު މަތީގައި ހުސްކޮށް އޮތް މެސީއަށް ފަހިވި އިރު، އޭނާ ފައިގެ އެތެރެ ފަރާތުން ބޯޅައިގައި ޖެހީ ވައިތެރޭގައި އޮތްވައެވެ. ވެެއްޓިލާފައި މެސީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ. އޭގެ ފަހުން ފުރަތަމަ ހާފްގައި ޖެރާޑް ޕީކޭއާއި އޮސްމާން ޑެންބޭލޭއަށް ފަހި ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ބާސާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އެޓީމަށް ހިތިކޮށް ފެނުނެވެ. ހާފް ނިމެން ދަނިކޮށް ގެބްރިއަލް މެރްކާޑޯގެ ގޯލާއެކު ސެވިއްޔާއިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.

ލީޑާއެކު ދެވަނަ ހާފަށް ސެވިއްޔާ ނުކުތްނަމަވެސް، ދެވަނަ ހާފްގައި މެޗު އޮއެވަރު އަނބުރާލީ މެސީއެވެ. މެސީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ މެޗު އަނބުރާލީ ހިތްގައިމު ހެޓްރިކްވެސް ފުރިހަމަ ކުރުމަށްފަހުއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އޭރިއާ ބޭރުން ކަހަލަ ގޮތަކަށް މަތީ ކަނަށް އާމަޒުކޮށްލި ބޯޅައާއެކު މެސީ ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އަނެއްކާވެސް ހިތްގައިމު ގޯލެއް ޖަހައި މެސީ ބާސާއަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނެވެ.

އޭރިއާ ތެރެއިން ލުއިޒް ޝުއަރޭޒް ފޮނުވާލި ބާރު ހަމަލާ ޑިފެންޑަރު ފައިގައި ޖެހި މެސީއަށް ފަހިވި އިރު، އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލްކީޕަރު ގައިމަތިން ޗިޕް ކޮށްލައިގެންނެވެ. މެޗުގެ ފަހު މިނެޓްގައި ބާސާގެ ހަތަރު ވަނަ ގޯލް ޖަހައިދިނީ ޝުއަރޭޒްއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލައްޓި

    މެސީ 3 ވަނަ ގޯލް ޖެހި ބޯޅައަކީ ސުއަރޭޒް ފޮނުވާލި ބޯޅައެއް ނޫން. ޑިފެންޑަރުގެ ފައިގައި ޖެހުނު އެ ބޯޅައަކީ ސުއަރޭޒް ފޮނުވާލި ބޯޅައެއް ނޫން. އެއީ 21 ނަންބަރު ކުޅުންތެރިޔާ ފޮނުވާލި ބޯޅައެއް. ސުއަރޭޒުގެ ނަންބަރަކީ 9.

    3
    2
  2. ބެއްޔާ

    ސުއަރޭޒް ޖެހި ހިތްގައިމުގޯލަކީ މެސީ ވަރަށް ރީތިކޮށް ދިން ޕާހަކުން ޖެހި ގޯލެއް.

    3
    1