ރެއާލް މެޑްރިޑުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ދެކެ ބިރު ނުގަންނަ ކަމަށް އެޓީމުގެ ބްރެޒިލް ފޯވަޑް ވިނީސިއަސް ޖޫނިއާ ބުނެފިއެވެ.

ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ބާސާއާއި ރެއާލްއިން ބުރާސްފަތި ދުވަހުގެ ރޭ ނުކުންނަ އިރު، ފުރަތަަމަ ލެގު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް މި ސީޒަންގައި ރެއާލްއަށް ބާސާ ބަލިކުރެވިފައިނުވާ އިރު، މި ހަފްތާގެ ކޮޕާ ޑެކްރޭ މެޗު އޮންނާނީ ރެއާލްގެ ދަނޑުގައެވެ. ބާސާ ދަނޑުގައި ކުޅުނު މެޗުގައިވެސް އުމުރުން 18 އަހަރުގެ ވިނީސިއަސް މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އޭނާ ވަނީ މި ސީޒަނުގައި ރެއާލްއާއެކު 25 މެޗު ކުޅެފައެވެ.

އުމުރުން 16 އަހަރުގައި ރެއާލްއިން ވިނީސިއަސްގެ ސޮއި ހޯދި އިރު، އޭނާ ކްލަބަށް ގެނެސްފައި ވަނީ މިއަހަރު 18 އަހަރު ފުރުމުންނެވެ.

"މެސީއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް. އަބަދުވެސް ބާސާގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ. އެކަމަކު އެއްވެސް ކުޅުންތެރިޔަކަށް ރެއާލް ޖެހިލުމެއް ނުވޭ،" ސީޒަންގައި ހަތަރު ގޯލް ޖަހާފައިވާ ވިނީސިއަސް ބުންޏެވެ.

ވިނީސިއަސް ބުނެފައި ވަނީ ރެއާލްއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ތިބި ޓީމު ކަމަށާއި، އެކަމަކުގެ ތަފާތު ދެއްކޭނެ ކަމަށެވެ.

މި ހަފްތާގެ އެލް ކްލެސިކޯއަށް މެސީ ނުކުންނާނީ ރަނގަޅު ފޯމެއްގައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ވަނީ އެންމެ ފަހުން ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅަށް ކުޅެ، ހެޓްރިކް ހަދާފައެވެ.