އއ. މާޅޮހު ޓީމަށް ނިމިދިޔަ ދިވެހި ޕްރިމިއަރ ލީގްގައި ބޮޑު ކާމިޔާބީއެއް ހޯދައިދިން ނިސްތާރު މިއަހަރުވެސް އެޓީމަށް ކޯޗުކަން ކޮށްދޭން ނިންމައިފިއެވެ.

ނިސްތާރުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ދިވެހި ލީގުގައި އަލަށް ވާދަކުރި މާޅޮސް ލީގު ނިންމާލީ 14 މެޗް ކުޅެ ނުވަ ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައި އޮވެއެވެ. އަދި މާޅޮހު ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ އެ މުބާރާތުގައި ވިދާލައި މިހާރު ރާއްޖޭގެ މަޝްހޫރު ޓީމްތަކަށް ކުޅެން ފަށާފައެވެ.

ނިސްތާރު ވަނީ މީގެ ކުރިން ފަސްޓް ޑިވިޝަންގައި ކުޅޭ ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ބީޖީގެ އިތުރުން އީގަލްސްގެ އެސިސްޓެންޓް ކޯޗްކަންވެސް ކޮށްދީފައެވެ.

ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނުނު މާޅޮސް ޓީމް މިއަހަރު ކުޅޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުން ފެށިގެންނެވެ.

މިދިޔަ އަހަރު މާޅޮސް ޓީމުން ފެނިގެން ދިޔަ އަހުމަދު އާރިފް (އާރި) މި ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުންދާއިރު އެޓީމުގެ ގޯލް ބެލެހެއްޓި ކުޅަދާނަ ގޯލްކީޕަރު އިބްރާހިމް ޒަމީރު (އިބޫ) މިސީޒަންގައި ކުޅެމުންދަނީ ކުލަބް ވެލެންސިޔާއަށެވެ.

އިބޫ ނެތްތަން ފޫބެއްދުމަށްޓަކައި މާޅޮހު ޓީމުންވަނީ ޕާކިސްތާންގެ ގައުމީ ޓީމްގެ ކީޕަރ ސާގިބް ހަނީފް އެޓީމަށް ގެނެސްފައެވެ. ސާގިބް ވަނީ މީގެ ކުރިން ރާއްޖޭގެ ބީޖީ ސްޕޯޓްސް ކުލަބަށްވެސް ކުޅެދީފައެވެ.