އައިމިނަތު ޒާހިޔައަކީ (ޒެޑޭ) ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ތަނބެވެ. އިތުބާރު ޑިފެންޑަރެވެ. ލ. ގަމަށް އުފަން ޒާހިޔާ ގައުމީ ޓީމަށް ކުޅޭތާ އަށް އަހަރުވެފައިވާ އިރު، އޭނާއަކީ ގައުމީ ސީނިއާގެ ވައިސް ކެޕްޓަނެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ކުރި އެތަކެއް ތަޖުރިބާއެއްގައި ޒާހިޔާގެ ހިއްސާ ބޮޑެވެ. ހާއްސަކޮށް އަންހެން ފުޓުބޯޅައިގެ އާ ޖީލަކަށް ބަދަލުވެފައިވާ އިރު، ޒާހިއަކީ އޭގެ މުހިއްމު ހިއްސާއެއް އޮތް ލީޑަރެކެވެ. ޓީމުގެ ފަހަތުން ޒާހިޔާއަކީ ގައުމީ ޓީމުގެ ދިފާއެވެ. ހަމައެހެންމެ އޭނާއަކީ ގައުމީ ދިފާއީ ބާރުވެސް މެއެވެ.

ގައުމީ ޓީމާއެކު އެފަދަ މުހިއްމު ރޯލެއް އަދާކުރަމުންދިޔަ ޒާހިޔާ މިއަދު ވަނީ އެނދުމަތިވެފައެވެ. ކެރިއަރުގައި ކުރިއަށް ދިޔުމަށް ބޮޑު މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ. ބަހްރައިންގައި، އެގައުމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޒާހިޔާގެ އަތް ބިންދައިގެން ދިޔުން ވެގެންދިޔައީ އޭނާގެ ކެރިއަރު ހުއްޓުވާލި އަނިޔާއަކަށެވެ.

ޒާހިޔާގެ އަތް ބިނދިފައި ---

" މިދިޔަ އަހަރު ޑިސެންބަރު މަސް ތެރޭގައި ބަހްރެއިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އަތް ބިންދައިގެން ދިޔައީ. ބިންދައިގެން ދިޔަ އިރު، އަތުގެ ދެ ކަށިގަނޑު އެއްކޮށް އިނީ ބިންދައިގެން ގޮސްފައި. ކަށިގަނޑު އިނީ ބޭރަށް ނުކުމެފައި،" އުމުރުން 25 އަހަރުގެ ޒާހިޔާ، އޭނާގެ އަނިޔާގެ ވާހަކަ ކިޔައިދިނެވެ.

އަނިޔާ ވެގެން ޖެހިގެން އައި ދުވަހު ބަހްރައިންގައި ޒާހިޔާ އަތުގެ ފުރަތަމަ ސާޖަރީއެއް ހެދިއެވެ. ގައުމީ ޓީމުގެ މެނޭޖުމަންޓުން އެހުރިހާ ކަމެއް ހަމަޖައްސައިދިން އިރު، ޓީމުގެ މެނޭޖަރާއި، ކުޅުންތެރިންގެ އިތުރުން ކޯޗުން އޭނާއަށް ދިން ހިތްވަރު ޒެޑޭ ފާހަގަކުރިއެވެ.

" ވަރަށް ނުރައްކާތެރި އަނިޔާއެއް އެއީ. ޔާސްމީން، އެއީ ޓީމުގެ މެނޭޖަރު، އެއީ އެވަގުތު ހަމަ ލައިފް ސޭވާއެއް. ވަރަށް ބޮޑަށް އެހީވި. އޭގެ އިތުރުން ހަމަ މުޅި ޓީމާ ކޯޗުގެ އިތުރުން ކުޅުންތެރިންވެސް ވަރަށް ބޮޑު ހިތްވަރަކަށްވި،" ޒާހިޔާ ބުންޏެވެ.

ބަހްރައިންިއން އޮޕަރޭޝަން ކޮށްފައި ---

ބަހްރައިންގެ ސަލްމާން މެޑިކަލް ކޮމްޕްލެކްސްއިން ޒާހިޔާ އަތުގެ ކަށިގަނޑު، އެތެރެއިން ދަގަނޑު ޕްލޭޓް އަޅާ އެތެރެއިން ބޯލްޓް ލައްވާފައިވާ އިރު، އޭނާ އެނބުރި މާލެއަކީ އަނިޔާއިން ރަނގަޅުވާނެ ކަމުގެ އުންމީދަކާ އެކުގައެވެ. އަތަށް ކުރަމުން އައި ފަރުވާގެ ތެރެއިން އޭނާ އިތުރު އޮޕަރޭޝަނެއް އައިޖީއެމްއިން ކުރަން ޖެހުނެވެ. އެ އޮޕަރޭޝަން ކުރިތަނުން ތަދު ފަސޭހަ ނުވާތީ ޒާހިޔާ އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކި ކަމަށްވެސް އޭނާ ބުންޏެވެ. މައްސަލައެއް ނެތް ކަމަށް ބުނެ ދޫކޮށްލި ކަމަށްވެސް ބުންޏެވެ.

ޒާހިޔާ އެކުވެރިން އަދި ކޮއްކޮއާއެކު ---

"ފަހުން މާލެ އައިސް އޮޕަރޭޝަން ކުރިތަން ގޯސްވީ. ތަދުވާތީވެސް އުޅުނިން. އެކަމަކު އޭރު އަޅައެއް ނުލި. ފަހުން ހުޅުމާލޭ ޓްރީޓޮޕަށް ދެއްކީ. ދެއްކި އިރު، އޮތީ ކަށިގަނޑު އެއްކޮށް ފީވެފައި. އެހިސާބުން ޖެހުނީ ކަށިގަނޑު ބުރިކޮށްލަން. އެކަން މިހާރު ކޮށްފިން. ޓްރީޓޮޕްއަށް އައިސް ފަރުވާ ކުރަން ފެށި ހިސާބުން އުންމީދެއް ލިބުނު. ވަރަށް ރަނގަޅު ނަރުހުންނާއި ޑޮކްޓަރުންވެސް. މިހާރު މިއޮތީ ބޭރުން ޕްލާސްޓަރު ކޮށްފައި. ރަނގަޅުވާނެ ކަމަށް ބުނީ ދެ އަހަރު ފަހުން،" ޒާހިޔާ ބުންޏެވެ.

މިވަގުތު ޓްރީޓޮޕްގައި ދެމުންދާ ފަރުވާ ---

ކެރިއަރުގެ ޕީކުގައި ހުރި ދުވަސްކޮޅު، ޒާހިޔާއަށް ލިބުނު އަނިޔާ ބޮޑެވެ. އެތައް ބައެއްގެ އެހީއާއެކު އޭނާއަށް ހިތްވަރު ލިބުނު ނަމަވެސް، ގައުމީ ޓީމަށް ދޭން ބޭނުންވާ މެސެޖެއްވެސް އެބައޮތެވެ.

"އަސްލު ހުރިހާ ކަމެއްވެސް އެފްއޭއިން ކޮށްދެނީ. ބަހްރައިންގައި ކުރި އޮޕަރޭޝަނާއި ޓްރީޓޮޕްގެ ހަރަދުތައްވެސް އެފްއޭއިން ހިފަނީ. އޭގެ އިތުރުން އެމްއެންޑީއެފްއާއި ޓީމުގެ ކުޅުންތެރިންގެ ހިތްވަރުވެސް ވަރަށް ބޮޑު. މިހެން ނަން ކިޔަން ވެއްޖެއްޔާ ކޮންމެވެސް މީހެއްގެ ނަން ވައްޓާ ލެވޭނެ ކަންނޭނގެ. އެކަމަކު ގައުމީ ޓީމުގެ ސްޓާފުންނާއި ކެޕްޓަން ފަދުވާ، މިރިފަތު، ގޯލްކީޕަރު ލިޒީއާއި ސަންފަގެ އިތުރުން އާއިލާއަކީ އެންމެ ބޮޑަށް ސަޕޯޓް ދޭ މީހުން. ޓީމު ސާފަށް ދިޔަ އިރު، ނުދެވުމުން ވަރަށް ދެރަވި. މިފަހަރު ރަނގަޅަށް ތައްޔާރުވެސް ވެފައި އޮތީ. އިނގޭ ޓީމާއެކު ނުދެވުމުން ކުޅުންތެރިން ދެރަވާނެ ކަންވެސް. އެކަމަކު ބުނެލާނީ ވާނެއޭ. އަހަންނަށްޓަކާވެސް ސާފުގައި ރަނގަޅު ނަތީޖާއެއް ނެރެއްޗޭ،" ޒާހިޔާ ބުންޏެވެ.

ޒާހިޔާ ގައުމީ ޓީމާއެކު ---

ގައުމީ ޓީމުން އިއްޔެ ސާފްގެ ކުރިން އޮންނަ ކޭމްޕަށް ފުރި އިރު، ޓީމުގެ ޑިފެންސުން ޒާހިޔާ ނެތްތައް ދައްކާނެ ކަން ޔަގީނެވެ. އެހެން ނަމަވެސް، ޒާހިޔާގެ އެދުމަކީ އެތަންކޮޅު ފޫބައްދަން ހިތްވަރުކޮށް، ގައުމީ ރީތި ނަމާއެކު އަނބުރާ އައުމެވެ. ޔޫއޭއީގައި މާޗު ނުވައަކާ ހަމައަށް މަޑު ކުރުމަށްފަހު ގައުމީ ޓީމުން ނޭޕާލަށް ދާނީ ދިހަވަނަ ދުވަހުއެވެ.

ޒާހިޔާއަށް ކެރިއަރާ މެދު ވިސްނެން އޮތީ ރިކަވާ ވުމުން ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެއްވެސް ހާލެއްގައި ފުޓުބޯޅަ ދޫނުކޮށްލާނެ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ. އަނެއްްކާވެސް ރިކަވަރީއަށް ފަހު އަންނާނެ ކަމަށް ޒާހިޔާ އަޒުމުގައި ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކުވެރިއެއް

    ޒާހީ އަށް އަވަސް ޝިފާ އަކަށް އެދެން

    20
  2. ޒާހިޔާގެ ފްރެންޑް

    ސްޕީޑީ ރިކަވަރީ އެންޑް ގެޓުވެލް ސޫން....

    13