ކުރިއަށް އޮތް މާޗު މަހުގައި ބްރެޒިލް ކުޅޭ އެކުވެރިކަމުގެ ދެ މެޗަކަށް އިއުލާން ކުރި ސްކޮޑުގައި ރެއާލް މެޑްރިޑްގެ ފޯވަޑް، ވިނީސިއަސް ޖޫނިއާ ހިމަނައިފިއެވެ.

އުމުރުން 18 އަހަރުގެ ވިނީސިއަސް އަންނަނީ މި ސީޒަންގައި ރެއާލްއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މާޗުމަހު އޮންނަ ބްރެޒިލް ގްލޯބަލް ޓުއާގެ ތެރެއިން ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަކީ ޕެނަމާ އަދި ޗެކު ރިބަޕްލިކާ ދެކޮޅަށް ކުޅޭ ދެމެޗެވެ. އެ ދެމެޗު ވެގެންދާނީ ކޯޗު ޓީޓޭއަށް ސްކޮޑު ޓެސްޓް ކުރަން ލިބޭ މުހިއްމު ފުރުސަތަކަށެވެ.

މިއަހަރުގެ ކޮޕާ އެމެރިކާގެ އިތުރުން 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ބްރެޒިލުން ތައްޔާރުވަމުންދާ އިރު، އެގައުމުގެ ސްކޮޑަށް އާ ގިނަ ކުޅުންތެރިންތަކެއް ވަނީ ނަގާފައެވެ. އެގޮތުން އޮލިޕިކް ރަން މެޑަލް އެޓީމަށް ހޯދައިދިން ގިނަ ކުޅުންތެރިންތަކަކާއެކު ޑެނީ އަލްވޭސް ވެސް ވަނީ އަނބުރާ ސްކޮޑަށް އައިސްފައެވެ.

ކެޕްޓަން ނޭމާ އަނިޔާގައި ހުރުމުން ސްކޮޑަށް ނަގާފައި ނުވާ އިރު، މާސެލޯ، ވިލިއަން އަދި ޑަގްލަސް ކޯސްޓާވެސް ސްކޮޑަށް ނަގާފައެއް ނުވެއެވެ. ތިއާގޯ ސިލްވާއާއި ވެސްޓް ހަމްގެ ފިލިޕޭ އެންޑަސަންއާއި އޭސީ މިލާންގެ ލޫކަސް ޕެކުއޭޓާވެސް ސްކޮޑަށް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.