ނިއު ރޭޑިއަންޓްއިން ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)އަށް ދޭން ޖެހޭ މުސާރައިގެ މައްސަލައަށް ގޮތެއް ނުނިމި ލަސްވާތީ އެކަން އެފްއޭއެމްއަށް އަންގައިފިއެވެ.

މިދިޔަ މަހު އޮކްޓޯބަރު މަހުގައި އިންމަ، ނިއުއިން މުސާރަ ނުދޭތީ އެފްއޭއެމްއަށް މައްސަލަ ހުށަހެޅިއެވެ. އެފަދަ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ނިއުއިން ވަނީ އިންމަގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ. ނިއުއިން ބުނެފައި ވަނީ ކްލަބަށް އިންމަގެ ފަރާތުން އެކަށޭނެ ހިދުމަތެއް ނުލިބޭ ކަމަށެވެ.

އިންމަ އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މުސާރައިގެ މައްސަލައިގައި ގޮތް ނިންމަން، އެފްއޭއެމްއަށް ލަސްވާ ސަބަބު އޮޅުން ފިލުވައިދިނުމަށެވެ. އިންމަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ހުށަހަޅާފައިވާ މުސާރައިގެ މައްސަލަ ހުށަހެޅިތާ ހަތަރު މަހާ 25 ދުވަސްވީ އިރު، މިއަދާ ހަމައަށް ވަކި ގޮތެއް ނުނިމި ލަސްވެގެންދާ ދިއުމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

"ބައެއް ފަރާތްތަކުގެ މުސާރައިގެ މައްސަލަ ވަރަށް އަވަހަށް ނިންމާ އެ ކްލަބް އަށް ފިޔަވަޅު އެޅި ތަންވެސް ވަނީ ފެނިގެން ގޮސްފައި. އަޅުގަނޑުގެ މި މައްސަލަ ނުނިންމި މިހާ ގިނަ ދުވަސްވެގެން މި ދަނީ ކީއްވެތޯ" އިމްރާން ސުވާލު އުފައްދާފައިވެއެވެ.

ނިއުގެ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ ވާތީ، އެފްއޭއެމްއިން ވަނީ އެ ކްލަބު ސަސްޕެންޑް ކޮށްފައެވެ. އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއްގެ މައްސަލަ ބަލަމުންދާ އިރު، ދާދިފަހުން ވަނީ ހަމްޒާ މުހައްމަދު (ހަމްޕު)އާއި މުހައްމަދު ރަޝީދު (ހޮކޭ)ގެ ކޮންޓްރެކްވެސް، އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބާތިލުކޮށްފައެވެ.

މިދިޔަ ސީޒަންގައި އަލީ އަޝްފާގު (ދަގަނޑޭ)އާއެކު ނިއުއިން ވެފައިއޮތް އެއްބަސްވުންވެސް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ބާތިލު ކޮށްފައިވާ އިރު، އެޓީމަށް ގެނައި އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީގެ މުސާރައިގެ މައްސަލައިގައި ފީފާއިންވެސް ވަނީ ނިއުއަށް އޭނާއަށް ބަދަލާއެކު 45،000 ޑޮލަރު، 45 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައެވެ.