މެޗުގެ ފަހު މިނެޓުގައި އާސެނަލްއަށް ލިބުނު ޕެނެލްޓީ ނާކާމިޔާބުވެ، އެޓީމުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ލަންޑަން ޑާބީ މެޗު 1-1އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޓޮޓެންހަމްއަށް 29 މެޗުން 61 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތިންވަނައިގައެވެ. އާސެނަލްވެސް 29 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުވެސް އޮތީ ގަދަ ހަތަރެއްގެ ތެރޭގައެވެ. އެހެން ނަމަވެސް އެޓީމުން ކުޅެފައި އޮތީ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވުރެ މެޗެއް މަދުން، އަދި ހަވަނައިގައި އޮތް ޗެލްސީއަށްވުރެ ދެ މެޗު މަދުންނެވެ.

މިރޭގެ މެޗު ކުރީކޮޅުގައި ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު، ލީޑު ނެގީ އާސެނަލްއިންނެވެ. އަންނަ ސީޒަންގައި ޔުވެންޓަސްއަށް ދާން އެއްބަސްވެފައިވާ އާރޮން ރެމްސީ އާސެނަލްއަށް ލީޑު ނަގައިދިނީ މެޗުގެ 16 ވަނަ މިނެޓުގައެވެ. ފުރަތަމަ ކޮޅުގައި ހަމަލާތައް މަދު ނަމަވެސް، ހާފްގެ ފަހު ކޮޅުގައި ހަމަލާތައް ގިނަކަން ފާަގަކޮށްލެވުނެވެ.

ހާއްސަކޮށް ލަކަޒެޓާއި އިވޯބީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވުނު އިރު، އާސެނަލް ލީޑުގައި އޮވެ ހާފް ނިންމާލީ ފަހުކޮޅުގައި ގޯލްކީޕަރު ލެނޯ ކުރި ރީތި ޑަބަލް ސޭވްތަކާ އެކުގައެވެ. އެރިކްސަން އަދި ސަންޗޭޒްގެ ހަމަލާތައް ލެނޯ މަތަކުރީ ހުޝިޔާރު ކަމާއެކުގައެވެ.

ދެވަނަ ހާފް ފެށުނުތާ މާ ގިނައިރެއް ނުވެ، ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ކޭން ކާމިޔާބުކޮށްދިން އެ ގޯލަކީ ޓޮޓެންހަމްއަށް ލިބުނު ޕެނެލްޓީއަކުންނެވެ. އާސެނަލްގެ ސަޕޯޓަރުން ލައިންސްމަނަށް ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔާފައިވެއެވެ. ރިޕްލޭއިން ބަލާ އިރު، ކޭން ބޯޅަ ހޯދަން ދުއްވައިގަންނަ އިރު، އޮންނަނީ އޮފްސައިޑް މަގާމެއްގައެވެ. ރެފްރީ ޕެނެލްޓީ ދީފައި ވަނީވެސް، ކޭން ސައިޑްގައި އޮވެ ދުއްވައިގަތުމުން އާސެނަލް ޑިފެންޑަރު ކުރި ފައުލަކަށެވެ.

އާސެނަލަށް މޮޅުވާންވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. ފަހު ވަގުތުގައި ލިބުނު ޕެނެލްޓީ އޮބަމަޔާން ޖެހި އިރު، އޭނާ ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ގޯލްކީޕަރު ލޮރީސް މަތަކުރިއެވެ.