އަބަދުވެސް ދައްކާ ވާހަކައެކެވެ. ދިވެހި ފުޓުބޯޅައިގެ ހުނަރު އޮތީ އަތޮޅު ތެރޭގެ ކަމަށް ދެކެވޭ ވާހަކައެކެވެ. މަޑުމަޑުން ގައުމީ ޓީމުން އެކަން ސާފުވަމުންވެސް ދެއެވެ. އެކިއެކި ގޮތްގޮތުން، އުނދަގޫ ހާލަތުގައި ނަމަވެސް، މާލެ އައިސް، ވިދަމުންދަނީ އަތޮޅު ތެރޭގެ ހުނަރެވެ.

ގައުމީ ޓީމުން 10 އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕް އުފުލާލި އިރު، އެޓީމަކީ 98 ޕަސެންޓް އަތޮޅު ތެރޭގެ ކުޅުންތެރިންނެވެ. އެ ކާމިޔާބީއަކީ މުޅި ގައުމު ހިއްސާވާ ކާމިޔާބީއަކަށްވި އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަމަށް ކޯޗު ޕީޓާ ސެގަޓްވެސް ބުންޏެވެ. އެފަހަރު ލިބުނު ސިގްނަލާއެކު އެފްއޭއެމްއިންވެސް އަތޮޅު ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް އިއުލާން ކުރިއެވެ.

އަތޮޅު ތެރޭގެ އިންފްރާސްޓްރަކްޗާއަށް ހާއްސަ ކަންތައްތަކެއް ފަށާ، އަތޮޅު ފުޓުބޯޅައިގެ ހުނަރު، ގަލޮޅު ދަނޑަށް ގެންނާނެ މަގު ޗާޓެއް ހެދިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއި އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު އާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް މިއަދު މާފަންނު ސްޓޭޑިއަމްގައި ބޭއްވި އިވެންޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަތޮޅު ފުޓުބޯޅަ ރާއްޖެގެ އަށް ޒޯނެއްގައި ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން ވިސްނާފައިވާ އިރު، އެ ހުރިހާ މަސައްކަތަކަށް ފަންޑު ކުރުމަށް ހަމަޖެހިފައި ވަނީ ފީފާއިންނެވެ. އަށް ޒޯނެއްގައި، ކޮންމެ ޒޯނެއްގައިވެސް ހާއްސަ ފުޓުބޯޅަ ޑިވަލޮޕްމަންޓް ސެންޓަރުތަކެއް ގާއިމްކޮށް، ގްރާސް ރޫޓްގެ އިތުރުން، އަންހެން ފުޓުބޯޅަ އަދި ޔޫތު ޑިވަލޮޕްމަންޓާއި ރެފްރީންނާއި ކޯޗުން ތަމްރީނު ކުރުމަށްވެސް އެ ސެންޓަރުތައް ބޭނުން ކުރާނެ ކަމަށް އެފްއޭއެމްއިން ކުރިން ބުނެފައިވެއެވެ.

ހަމައެއާއެކު 20 ދަނޑެއް އަޅާނެ ރަށްތަކެއްވެސް އިއުލާންކޮށް، އިންގިލާބީ ބަދަލުތަކެއް އިއުލާން ކުރިއެވެ. ފެހި އަދި ފަހި ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވި އިރު، އެކަމުގެ ސްޕީޑް ދަށްކަން ފާހަގަވިއެވެ. ހާއްސަ ފީފާގެ އެހީއާއެކު ފަށާ އަތޮޅު ފުޓުބޯޅައިގެ މަސައްކަތްވެސް އެންމެ އެކަށޭނެ ސްޕީޑެއްގައި ނުދާކަން ފާހަގަވިއެވެ. އެހެން ނަމަވެސް، މަޑު ދުވެލީގައި އެކަން ފެށިގެންދިޔުން ވެގެން ދިޔައީ ހިތްހަމަ ޖެހުމަކަށެވެ.

އަތޮޅު ފުޓުބޯޅައިގެ ހުނަރު، ގައުމީ ޓީމަށް ގެނައުމަކީ މިހާރު ކުރި ގައުމީ ކޯޗު ސެގަޓްގެ އަބަދުވެސް ބުނާ ވާހަކައެވެ. ހާއްސަކޮށް، އޭނާ ވަނީ އެކަމަށް ސްކައުޓްވެސް ކޮށްފައެވެ. އެހެން ނަމަވެސް ހާލަތު އޮތް ގޮތުން އެކަން އެންމެ ކާމިޔާބު ކަމަކަށް ނުވިއެވެ.

" ހަމައެކަނި ދެރަވި ތަންކޮޅަކީ ރާއްޖޭގެ ރަށްތަކުން ގެންނަން ބޭނުންވި ކުޅުންތެރިން އަހަރެމެންނަށް ނުގެނެވުން. މާލޭންވެސް ޓީމަށް ގެންނަން ބޭނުންވި ބައެއް ކުޅުންތެރިންނަށް ނާދެވުނު. އަހަރެން ދެކޭ ގޮތުގައި ރާއްޖޭގެ އެންމެ ހުނަރުވެރި ކުޅުންތެރިން ތިބީ ރަށްރަށުގައި. މުސްތަގުބަލަށް ބިނާ ކުރަން ޖެހޭ ޓީމަށް، ޒުވާން ކުޅުންތެރިން ރަށްރަށުން ގެންދަން ޖެހޭ،" ގައުމީ 23 އަހަރުން ދަށުގެ ސްކޮޑު އެކުލަވާ ލުމާ ގުޅޭ ގޮތުން ސެގަޓް ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، ޕީޓާ ސެގަޓް: އޭނާ ވަނީ މީގެ ކުރިން އަފްގާނިސްތާނާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ސެގަޓް ބުނެފައި ވަނީ ރާއްޖޭގެ ހާލަތު ހުރި ގޮތުން، ކުޅުންތެރިން ގެނައުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށާއި، އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ގެންނަން ބޭނުންވާ ކުޅުންތެރިން އަންނަން އުޅޭ އިރަށް ބެލެނިވެރިން ނޫނީ އެހެން މީހަކުވެސް އެބަ ބުނޭ މާ ދުރަށް ނުދެވޭނެއޭ. އަހަންނަށް އެކަން ގަބޫލުވެސް ކުރެވޭ. ހާލަތަކީ މާލޭގެ އުޅެން އުނދަގޫވުން. އަގުބޮޑުވެފައި ކާނާވެސް އެކަށީގެން ނުވުން. އެހެންވީމަ ޓީމު ވަރުގަދަ ކުރުމަށް އޮތް ހަގީގީ ހައްލަކީ މިއީ. އެކަމަކު މިކަންކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ. އެއީ މުސްތަގުބަލު ގެނެވެން އޮތް ގޮތަކީ،" ސެގަޓް ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކޫ، ޓީމާއެކު މެޗަށް ނުކުންނަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ޔަގީނެވެ. އެތައް އަހަރެއްގެ މަސައްކަތް ކޮށްގެން ނޫނީ އެކަން ހާސިލްވާން އަދި ނެތެވެ. ކްލަބުތަކަށް ލިބޭ އާންމުދަނީ އިތުރުވެ، ކްލަބުތަކަށް ކުޅުންތެރިން ހާލުގައި ނުޖައްސާ ގެންގުޅެވެން އެބަޖެހެއެވެ. ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ އިތުރުކޮށް، ހާއްސަކޮށް އަތޮޅު ތެރެއަށް އަހަންމިއްޔަތުކަން ބޮޑުވާން އެބަޖެއެވެ. ކުދިން ތަމްރީނު ވަނީ އެންމެ އެކަށޭނެ ކޯޗުންގެ ދަށުންތޯ ކައިރިން ބަލާ މޮނީޓާ ކުރެވެން އެބަޖެހެއެވެ.

މިއީ ދައްކާލަން ފަސޭހަ ވާހަކަ ނަމަވެސް، އަމަލީ ސިފަ ގެންނަން އިންތިހާ އުނދަގޫ ކަންކަމެވެ. އަތޮޅު ފުޓުބޯޅަ ޕްރޮޖެކްޓް ހަރުދަނާ ކުރަން އެބަޖެހެއެވެ. އެކަމުން ނަތީޖާއެއް ނެރެ، ގައުމީ ލެވެލްއަށް ކުދިންތަކެއް އުފައްދާނެ ހަބުތަކަކަށް އެ ޕްލެޓްފޯމް ވާން އެބަޖެހެއެވެ. އެހެން ނޫންނަމަ އަގުބޮޑެތި ޕްރޮޖެކްޓްތަކުން ކުރާނެ ފައިދާއެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޑަމް

    ރާއްޖޭގަ އަޞްލު ހުނަރުވެރި ކުދިން ތިބީ މާލޭގައެއް ނޫން އެކަމަކު ކޮންމެ ކަމެއްގަވެސް ރާއްޖެތެރެވީމަ އެކަހެރިކޮށްފަ އޮންނަ ބީދައިން ފުޓުބޯޅައިގަވެސް ރާއްޖެތެރޭގެ ކުދިންނަށް ކުރިއަށް ދެވޭނެ މަގު ތަނަވަސްނުކޮށްދީ އޮތީމަ ދިވެހި ފުޓްބޯޅަ ކުރިއަށް ނާރަނީ، ނިކަން ރަށްރަށުގަވެސް ފެންވަރު ރަނގަޅު ދަނޑުތައް ހަދާފަ ޓްރެއިންން ޕްރޮޤްރާމްތައް ބާއްވާފަ ފެންވަރު ރަނގަޅު މުބާރާތްތައް ބާއްވާފަ، ކޮންމެ އަތޮޅަކުން ޓީމެއް ނަގައިގެން ހޯމް އެން އަވޭ އުޞޫލުން ވަރުގަދަ ލީގެއް ޖައްސަބަލަ. ކުޅުންތެރިން ތިބޭނެ.

    10
    2