ކުރިންވެސް ފަސްކޮށްފައި އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސް ޑިސެންބަރު މަހަށް ފަސްކޮށްފިއެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސް ފުރަތަމަ ބާއްވަން އޮތީ މާޗު މަހުގައި ނަމަވެސް، މުބާރާތް ބާއްވާ ގައުމު، ނޭޕާލަށް އިމާރާތްތައް ތައްޔާރު ނުކުރެވުމުން އެ މުބާރާތް ސެޕްޓެމްބަރަށް ފަސްކުރިއެވެ. އަނެއްކާވެސް ސައުތު އޭޝިއަން އޮލިމްޕިކްސް ކައުންސިލްއިން ބޭއްވި ބައްދަލުވުމުގައި ނޭޕާލުން ވަނީ މުބާރާތް ޑިސެންބަރު މަހު ބާއްވަން ހުށަހަޅާފައެވެ.

މެމްބަރު އަށް ގައުމަކުން ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ އިރު، އެ ހަރަކާތުގައި 27 ކުޅިވަރެއްގައި އެތުލީޓުން ވާދަކުރާނެއެވެ.

މިފަހަރުގެ މުބާރާތް ކުރިމަތީގައި އޮއްވާ އިންޑިއާއާއި ޕާކިސްތާނުގެ ހަމަ ނުޖެހުންވެސް ބޮޑުވެފައިވާ އިރު، އެކަމުގެ އަސަރުތައްވެސް ކުރާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ކުޅެން އޮތް ކްރިކެޓް މެޗެއް ބޮއިކޮޓް ކުރަން ގޮވާލުމުންވެސް އެކަން ދޭހަވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

ސައުތު އޭޝިއަން ގޭމްސްއަކީ ރާއްޖެއިންވެސް އެންމެ ތައްޔާރުވާ އިވެންޓެވެ. މިފަހަރުގެ އިވެންޓަށްވެސް 15 މެޑަލްގެ ޓާގެޓާއެކު ރާއްޖެއިން އަންނަނީ ތައްޔާރުވަމުންނެވެ.