އެފްއޭއެމްގެ ފަރާތުން ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު، ނިއު ރޭޑިއަންޓް ފުޓުބޯޅައިން ސަސްޕެންޑް ކުރަން ޖެހުނީ ކުޅުންތެރިންގެ ހައްގުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސްގައި ބައްސާމް އެހެން ވިދާޅުވެފައި ވަނީ މިދިޔަ ސީޒަންގައި ލޯކަލް 10 ކުޅުންތެރިއަކަށް 3.8 މިލިއަން ރުފިޔާގެ މުސާރައިގެ މައްސަލަ އެފްއޭއެމްއަށް ހުށަހެޅުމުން، އެފްއޭއެމްއިން އެ ކްލަބު ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

"ނިއު ރޭޑިއަންޓްގެ ސަސްޕެންޝަނަކީ ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ ވަރަށް ގިނަ ޖަލްސާތައް ބޭއްވިގެންވެސް ހައްލު ނުހޯދިގެން ދެން އޮންނާނެ ގޮތަކީ ކޮބައިތޯ ބެލުމަށް އަޅުގަނޑުމެންނާ ކުރެވުނު މަޝްވަރާއާއެކު، އަޅުގަނޑުމެންގެ ޑިސިޕްލިނަރީ ކޮމިޓީގެ ތެރެއިން ދެން ކުރެވޭނީ ކޮންކަމެއްތޯ ބެލީ. އެގޮތުން އަޅުގަނޑުމެންނަށް ލިބޭ ސެޓިޓިއުއެއްގެ ތެރެއިން ޓެމްޕޮރަރީ ސަސްޕެންޝަން އައިސްފައި އޮތީ" ބައްސާމް ވިދާޅުވިއެވެ.

ނިއުއިން ބޭރުގެ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލަތައް ފީފާއިންވެސް ބަލަމުންދާ އިރު، އަފްގާނިސްތާން ޒޯހިބް އިސްލާމް އަމީރީއާއި ކުރިން އެޓީމުގެ ކޯޗު، ޕޯޗުގަލްގެ ބަނާޑޯ ޓަވަރޭޒްއަށް މުސާރަތަކާއެކު، ބަދަލު ދޭން ފީފާއިން ވަނީ ކްލަބަށް މުހުލަތެއް ދީފައެވެ.

އަމީރީ -- ފޮޓޯ/ ސަން

 

ބައްސާމް ވިދާޅުވީ ނިއުއަށް މުސާރަ ދޭނެ ގޮތެއް ނުހޯދުނު އިރު، ގެއްލިގެން ދިޔައީ ވަރަށް ގިނަ ކުޅުންތެރިންނެއްގެ ހައްގު ކަމަށެވެ.

"ޕެލޭޔާ ސްޓޭޓަސް ކޮމިޓީން ކުރެވުނު މަޝްވަރާތަކަށްވެސް ބަލާ އިރު، ނިއުއަކަށް ނެތް "ފިއާ"އެއް އެ ހުރިހާ މައްސަލަތަކެއް ހުރި އިރުވެސް. އެއް ދުވަހު އައިސް ޖަލްސާގައި ބުނެދާނެ ނެތޭ ފައިސާ ދެވޭކަން. ދެން ކޮބާތޯ މިތާނގެ ހައްލަކީ. އެ ހާލަތުގައި އޮތް އިރުވެސް ކުޅުންތެރިން ހޯދުމަށްވެސް މަސައްކަތް ކުރަމުންދިޔައީ. ނިއުއަކަށް ގެއްލުމެއް ވާގޮތެއް ނެތް. ކުޅުންތެރިންނަށް ގެއްލުން ވަނީ. އަޅުގަނޑުމެންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކުޅުންތެރިން ޕްރޮޓެކްޓް ކުރުމަކީ. އެހެންވީމަ މި ޓެމްޕޮރަރީ ސަސްޕެންޝަނަކީ ކުޅުންތެރިންގެ ހައްގުގައި ގެނައި ސަސްޕެންޝަނެއް. މިއަދުވެސް ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް މުސާރަ ދޭންވީ. ހަމައެއާއެކު ކުޅުންތެރިންގެ މައްސަލަ ނަގައިދޭން ކުޅުންތެރިން ސިޓީއެއް، ނިއުއިން ގެނެސްދީފި ނަމަވެސް ނިއުގެ ސަސްޕެންޝަން އުވާލެވޭނެ" ބައްސާމް ވިދާޅުވިއެވެ.

އެހެން ކްލަބުތަކަށްވެސް މިދިޔަ އަހަރު މުސާރައިގެ ބޮޑެތި މައްސަލަތައް ކުރިމަތިވި އިރު، ބައްސާމް ވިދާޅުވީ އެފްއޭއެމްއަށް ވައްދާފައިވާ ހުރިހާ މުސާރައިގެ މައްސަލައެއްވެސް ބަލާފައިވާނެ ކަމަށެވެ. އެގޮތުން ގްރީން ސްޓްރީޓްސްއިން ހުށަހެޅި ދެ މައްސަލައެއްވެސް ބަލާފައިވާނެ ކަމަށާއި، އެ ކްލަބުން އެ ދެ މައްސަލައިގެ މުސާރަވެސް ނިންމާފައިވާ ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ. ކުޅުންތެރިންނަށް ހައްލު ހޯދައިދޭނަމަ އެފްއޭއެމްއަށް މައްސަލައެއް ނޫން ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.