ރިއާލް މެޑްރިޑާއެކު މައްސަލަތަކެއް އުޅެމުންދާ ފޯވަޑް، ގެރެތު ބޭލްގެ ބަދަލުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ގެންދަން ބޭނުންވާ ކަމުގެ އިޝާރާތެއް ކްލަބުން ދީފިއެވެ.

ސްޕެއިންގެ ހަބަރުތައް ބުނާ ގޮތުން ރެއާލް ބޭނުންވަނީ ޕީއެސްޖީއާއެކު ސްވެޕް ޑީލެއް ހަދާށެވެ.

ބޭލްއަކީ 2013 ވަނަ އަހަރު ޓޮޓެންހަމް އިން ރެއާލް އަށް ބަދަލުވީ ކުޅުންތެރިއެކެވެ. އޭރު ބޭލްގެ ޓްރާންސްފާ އަގަކީ 100 މިލިއަން ޔޫރޯ އެވެ. މިއީ ހަވަނައަށް އެންމެ އަގުބޮޑު “އެސޯސިއޭޝަން ފުޓްބޯލް“ ޓްރާންސްފާއެވެ. ބޭލްވަނީ މި އަހަރުވެ ޗެމްޕިއަންސް ލީގުގައި 7 މެޗްގައި 3 ގޯލް ޖަހާފައެވެ.

ރެއާލްއިން ކަޅިއަޅަމުންދާ އެމްބާޕޭއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އުމުރުން 19 އަހަރުގައި ފްރާންސާއެކު ވޯލްޑް ކަޕް ނަގާ، އެންމެ މޮޅު ޒުވާން ކުޅުންތެރިާގެ މަގާމުވެސް ހޯދި އެމްބާޕޭއަކީ މޮނާކޯއިން ޕީއެސްޖީ އަށް ސޮއި ކޮއްފައި ކުޅުންތެރިއެކެވެ. އޭނާ ޕީއެސްޖީއަށް ސޮކިކުރީ ވަނީ 180 މިލިއަން ޔޫރޯގެ އަގަކަށެވެ.

ސްޕެެއިން ނޫހެއްކަމަށްވާ ޑޮން ބަލޮން އިން ބުނާގޮތުން ރެއާލް އޮތީ ބޭލް މި ސީޒަންގައި ވިއްކާލާނެ ކަމަށާއި، އެހިސާބުން އެމްބާޕޭގެ ޓްރާންސްފާއަށް މަސައްކަތް ކުރާނެ ކަމަށެވެ. ރެއާލް އިން ވަނީ އެމްބައްޕޭ ހޯދުމަށް ކުރިންވެސް މަސައްކަތް ކޮއްފައެވެ. އެކަމަކު ބޭލް ޓީމްގައި ހުރުމުންނާއި އޭނާއަށް ދޭންޖެހޭ މުސާރައިގެ ސަބަބުން އަދި މިކަން ކާމިޔާބު ކުރަން ވަނީ އުނދަގޫ ވެފައެވެ.

ބޭލްއާ މެދު ރެއާލްގެ ސަޕޯޓަރުން ނުރުހުން ވެފައިވާ އިރު، ބޭލްގެ އޭޖެންޓް ބުނެފައި ވަނީ މި ސީޒަނަށްފަހު އޭނާ ރެއާލް ދޫކޮށްލާނެ ކަމަށެވެ.