ރާއްޖެއިން އެންމެ ފަހުން ހޯދި ސާފް ޗެމްޕިއަންޝިޕްގައި، ގައުމީ ޓީމުގެ މެދުތެރެއިން މުހިއްމު ކުޅުމެއް ދެއްކި މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

ލ. މާބައިދޫއަށް އުފަން ނިހާޓަކީ ކްލަބު އީގަލްސްއިން ކެރިއަރުފެށި ހުނަރުވެރި މިޑްފީލްޑަރެކެވެ. އޭނާ އޭގެފަހުން ވިކްޓަރީއަށްވެސް ކުޅެފައިވާ އިރު، ވެލެންސިއާއަށްވެސް ކުޅުފައިވެއެވެ. 2016 ވަނަ އަހަރު އެ ކްލަބުން އެފްއޭ ކަޕް އުފުލާލި ޓީމުގައިވެސް ނިހާޓް ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ. އޭގަފަހުން ނިހާޓް އަނބުރާ ވިކްޓަރީއާ ގުޅުނު އިރު، އޭނާއަކީ މިދިޔަ ސީޒަންގައި އެޓީމުގެ ކެޕްޓަންވެސް މެއެވެ.

ފޮޓޯ/ މާޒިޔާ

މިދިޔަ އަހަރު ރާއްޖޭގެ ޓީމާއެކު ނިހާޓް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލްވެސް އަޅާލި އިރު، އޭނާ ވަނީ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލްގައި ޓީމުގެ މެދުތެރެއިން މުހިއްމު ކުޅުމެއް ދައްކާފައެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ޓީމު ވަރުގަދަކުރަމުންދާ އިރު، އެޓީމުން ވަނީ ގައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިއެއް މީގެ ކުރިންވެސް އިއުލާން ކޮށްފައެވެ. މިދިޔަ ދެތިން ސީޒަންގައި ޓީސީން ވިދާލާ، ރާއްޖެގެ ފުޓުބޯޅައިގައި އެންމެ އުންމީދީ މިޑްފީލްޑަރުގެ ގޮތުގައި ފާހަގަކޮށްލެވޭ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު)އާއި ނިއުއަށް ގިނަ ސީޒަންތަކެއްގައި ކުޅުނު، ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު)ވެސް އަންނަ ސީޒަންގައި ފެންނާނީ މާޒިޔާއިންނެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާ އިރު، އެޓީމުން ބޮޑެތި ޓްރާންސްފާތަކަކަށް ތައްޔާރުވާކަން ކުރިންވެސް ވަނީ އެނގިފައެވެ. ކުރިން އެޓީމަށް ކުޅެމުންދިޔަ އިސްމާއީލް އީސަ (މެސީ) ޓީސީއަށް ގޮސްފައިވާ އިރު، މެދުތެރެއަށް ކުޅެމުންދިޔަ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފައެވެ. އޭގެ އިތުރުން މާޒިޔާއިން އަންނަ ސީޒަންގައި ނުފެންނާނެ ކުޅުންތެރިންގެ ތެރޭގައި އަހުމަދު އިމާޒް (އާއްކޮ)އާއި ގާސިމް ސައްމާމް (ސައްމެ) ހިމެނެއެވެ.

މާޒިޔާގައި މިދިޔަ ސީޒަނުގައި ހުރި ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ)ވެސް ދަ ގްރާންޑޭގެ ކޯޗުކަމާ ހަވާލުވެފައިވާ އިރު، އޭނާގެ ބަދަލުގައި ގެންދާނެ ކޯޗެއް އަދި މާޒިޔާއިން އިއުލާން ކޮށްފައެއް ނުވެއެވެ.

މާޒިޔާއަކީ އެންމެ ގަވާއިދުން މުސާރަތައްދީ، ހަރުދަނާ ގޮތެއްގައި ކުރިއަރަމުންދާ ކްލަބެއްކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް އެޓީމަކީ މިހާރު އެންމެ ގިނަ ކުޅުންތެރިން ކުޅެން ބޭނުންވާވެސް އެއް ކްލަބެވެ.