ބަޔާން މިއުނިކުން ބަލިނުވެ ފުރިހަމަކޮށްފައިވާ 18 މެޗުގެ ސިލްސިލާ އަށް ޖަރުމަން ލީގުގައި ރޭ ރެޑްބުލް ލީޕްޒިގް އިން ނިމުމެއް ގެނެސްފި އެވެ.

ލީޕްޒިގްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި ސެންޑްރޯ ވެގްނާ ވަނީ ބަޔާން އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަބީ ކެއިޓާ ވަނީ ލީޕްޒިގް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ލީޕްޒިގް އިން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 56 ވަނަ މިނެޓްގައި ޓިމޯ ވާނާ ވަނީ މި މެޗުން އެޓީމު މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާ އެކު ވެސް ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 17 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމު 66 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ޝާލްކޭ އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ތިންވަނައިގައި 48 ޕޮއިންޓާ އެކު ބްރޫޝިއާ ޑޯޓްމަންޑް އޮތްއިރު ބަޔާންގެ މައްޗަށް ރޭ ކުރި ހޯދި ލީޕްޒިގް އޮތީ 43 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ބަޔާން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ ޖަރުމަނު ލީގުގައި މިދިޔަ ނޮވެމްބަރު މަހު ބްރޫޝިއާ މޮންޗެންގްލަޑްބަޗް އަތުން 1-2 އިންނެވެ. މިއީ ޖަރުމަން ލީގުގައި މި ސީޒަނުގައި ބަޔާން ބަލިވި ތިންވަނަ މެޗެވެ.

ޖަރުމަނު ލީގުގައި ބަޔާން ދެން ބައްދަލުކުރާނީ ބްރޫޝިއާ ޑޯޓްމަންޑާއެވެ.