ލިވަޕޫލްއިން ދަނީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ފިލިޕޭ ކޫޓީނިއޯ ކުލަބު ދޫކޮށްލުމާއިއެކުގައިވެސް އެޓީމުން ޕްރެމިއާރ ލީގުގެ ތަށްޓާއި ގާތްވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރަމުންނެވެ.

އެގޮތުން ދެން އަންނަ ސީޒަނެއްގައި ރަނގަޅު ފެށުމަކާއިއެކު ލިވަޕޫލްއިން ތަށި ހޯދުމަށް ހަގީގަތުގައިވެސް އެހެން ޓީމުތަކަށް ގޮންޖަހާފާނޭކަމަށް ވަނީ ބެލެވިފައެވެ. މިހާރު އެޓީމުގެ ކޯޗު ޖާރގަން ކްލޮޕް އަދި މައި ތަރި މޮހަންމަދު ސަލާހް އާއިއެކު އެޓީމުން އެދަނީ އާދަޔާޙިލާފް މޮޅު ކުޅުމެއް ދައްކުވަމުންނެވެ. އެއީ ލިވަޕޫލްގެ ފަރާތުން އެތައް ސީޒަނެއް ވަންދެން ފެނިފައިނުވާހާ މޮޅު ކުޅުމެކެވެ. އެކަމުގެ ހެއްކަކީ ޗެމްޕިއަންސް ލީގުގައި އެޓީމުން ހޯދަމުންދާ ކުރިއެރުންތަކެވެ.

އެހެންނަނަމަވެސް އެޓީމުގެ ކޯޗު ކްލޮޕް އަދިވެސް ހުރީ އޭނާގެ ޓީމާއި ދޭތެރޭ މުޅިން ހިތްހަމަޖެހިގެންނެއް ނޫނެވެ. ކްލޮޕް ބޭނުންވާ އިތުރު ކުޅުންތެރިން އެބަ ތިއްބެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކުޅުންތެރިޔަކީ ރޯމާގެ ހުނަރުވެރި އަދި ޒުވާން ގޯލްކީޕަރު އެލިސަން ބެކާރއެވެ. ބްރެޒިލްގެ ކުޅުންތެރިޔެއްކަމުގައިވާ ބެކާރ އަކީ ކްލޮޕްގެ ލިވަޕޫލްގައި އޮތް އެންމެ ބޮޑު އެއް ބަލިފައިކަމުގައިވާ ގޯލްކީޕިންގް ޕޮޒިޝަނުގައި ކުރިމަތިވަމުންދާ މައްސަލަތައް ފޫބައްދައިދޭނޭ ކުޅުންތެރިޔާއެވެ.

ލިވަޕޫލްއިން ފެންނާނޭކަމަށް ޔަގީންވެފައިވާ އަނެއް ކުޅުންތެރިޔަކީ މިހާރު އާރް.ބީ ލެއިޕްޒެގްއަށް ކުޅެމުން އަންނަ ނަބީ ކެއިޓާއެވެ. ހަލުވި އަދި ވަރުގަދަ ކުޅުންތެރިޔެއްކަމުގައިވާ ނަބީ ކެއިޓާ ލިވަޕޫލްއާއި ޖުލައި 1 ވަނަ ދުވަހު ރަސްމީކޮށް ގުޅޭނެއެވެ. ލިވަޕޫލްއިން ދަނީ ނޭމާރ އަދި އެމްބަޕޭގެ ސަބަބުން ޕީއެސްޖީގައި ބާކީވެފައިވާ ޖަރުމަންވިލާތުގެ އަރަމުން އަންނަ ތަރި ޖޫލިއަން ޑްރެކްސްލާރ ގެނައުމުގެ މަސައްކަތްވެސް ކުރަމުންކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ އާންމުވެފައެވެ.

މިއީ ލިވަޕޫލްއިން ދެން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެނެސްފާނޭކަމަށް ބެލެވިފައިވާ ބައެއް ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނާއި އެކު ލިވަޕޫލް ދުނިޔޭގެ ފުޓުބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި އަލުން މީހުން ދެކެން ފެށުމަކީވެސް ވަރަށް ގާތް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު