ސައުދީ އަރަބިޔާގައި އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފަޔާސްއަށް ރާއްޖޭގެ ޒުވާން ޓީމު ތައްޔާރުވަމުންދާ އިރު، މިއަދު ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސްގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ސްޓެލިއޯން ލުގާނާ އެފްސީ ހިފަހައްޓައިފިއެވެ.

މިއަދުގެ މެޗު 1-1އިން ނިމުނު އިރު، އެޓީމަކީ މިދިޔަ ސީޒަންގައި ލީގުގެ ހަތަރުވަނަ ހޯދި ޓީމެވެ. އަދި 2012 ވަނަ އަހަރުގެ ފެށިގެން ސްޓެލިއޯން އެގަމުގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ އިރު، 2013 ވަނަ އަހަރު އެ ކްލަބަކީ ލީގުގެ ޗެމްޕިއަނުންނެވެ. ފިލިޕީންސް ލީގަކީ ރާއްޖޭ ލީގާ އަޅާ ބަލާ އިރު، އޭޝިއާގައި ބޮޑުތަނެއް މަތިން ރޭންކް ކުރެވިފައިވާ ލީގެކެވެ.

ފިލިޕީންސްގެ ލީގަކީ އޭޝިއާގެ 17 ވަނައަށް އެންމެ ވަރުގަދަ ލީގުގެ ގޮތުގައި ރޭންކް ކުރެވިފައިވާ ލީގެވެ.

ފިލިޕީންސްގެ ރިޒާލް މެމޯރިއަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅަށް ފަށާ، މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގައިވެސް ފަހަކަށް އައިސް ހިމެނެމުން އަންނަ ކްލަބު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން ރާއްޖެއަށް ލީޑުވެސް ނަގައިިދިން އިރު، ދެވަނަ ހާފްގައި ރާއްޖެއިން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ.

މީގެ ކުރިން ގައުމީ ކޯޗު، ޕީޓާ ސެގަޓްވެސް ބުނި ގޮތުން ޒުވާން ޓީމަށް އިރުޝާދު ދިނުމުގައި އިސްކޮށް ފާހަގަކޮށްލެވުނީ އަހުމަދު ޝާކިރު (ޝާކިއްޓޭ)އެވެ.

ދެވަނަ ހާފްގައި ރާއްޖެއިން ބަދަލުތަކާއެކު ކުޅެމުންދިޔަ އިރު، ސްޓޭލިއޯންއިން ނަތީޖާ ހަމަހަމަވެސް ކުރިއެވެ.

ތައިލެންޑްގައި އަންނަ އަހަރު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ރާއްޖެއިން ނުކުންނަން ޖެހޭނީ ވަރުގަދަ ގައުމުތަކާ ދެކޮޅަށެވެ. އެއީ ސައުދީގެ އިތުރުން ޔޫއޭއީއާއި ލެބަނަންއާ ދެކޮޅަށެވެ.

ރާއްޖޭ ޓީމުގެ ފުރަތަމަ 11:

ގޯލްކީޕަރު ހުސެން ޝަރީފް، އައްޒާމް އަބްދުﷲ (އެޑޫ)/ކެޕްޓަން، ސައިފުﷲ އިބްރާހިމް، މުހައްމަދު ސާދު ނިޒާރު، އަލީ ޝަމާލް، އިބްރާހިމް އައިޝަމް، އިބްރާހިމް އަތީގް (އިއްބެ)، ހައިޝަމް ހަސަން، ހަސަން ރާއިފް (ހަންނަ)، އަބްދުﷲ ޔާމީން، މުހައްމަދު ޖައިލަމް (އޮގީ).