ޔޫރޮޕާ ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އާސެނަލްއިން ކުޅުނު މެޗުގެ ބޮޑު ބައްޔަކާ ކުރިމަތިވި އިރު، ޗެލްސީން ބޮޑު މޮޅަކާއެކު ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗު 3-0އިން ކާމިޔާބުކުރި އިރު، އެޓީމުން ވަނީ މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައެވެ. ޖިރޫޑުގެ ހިތްގައިމު ޕާހަކުން ޕެޑްރޯ ލީޑު ނެގި އިރު، ފުރަތަމަ ހާފް ނިންމާލީ 1-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށްވެސް ނުކުމެ ޗެލްސީން މެޗުގެ ކޮންޓްރޯލް ހިފަހައްޓައިގެން ކުޅުނު އިރު، އެޓީމުން ލީޑު ފުޅާކުރީ 65 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ވިލިއަން ފޮނުވާލި ހިލޭ ޖެހުން އަމާޒުކޮށްލީ ސީދާ ގޯލްގެ މަތީ ކަނަށެވެ. މިރޭގެ މެޗު ޗެލްސީން ފެށީ އެޑެން ހަޒާޑާއި ގޮންޒާލީ ހުގުއައިންގެ އިތުރުން އަޒްޕިލިކުއެޓާވެސް ނުލައެވެ.

ޗެލްސީގެ ގޯލަށް ނުރައްކާވެސް ވެފައިނުވާ އިރު، މެޗުގެ ތިންވަނަ ގޯލް ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި މެޗަށް ނުކުތް، ހަޑްސަން އޮޑޯއީއެވެ.

ކުޅުންތެރިޔަކު މަދުން މެޗުގެ ބޮޑު ބައި ކުޅުނު އާސެނަލްއިން އަވޭގައި ފްރާންސްގެ ރެނޭސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ މިނެޓުގައި އިވޯބީ ލީޑު ނެގި ނަމަވެސް، ހާފް ނިމެން އުޅެނިކޮށް، އާސެނަލްގެ ޑިފެންޑާ ސޮކަރާޓިސް ޕަޕަސްތަޕޮލޮސްއަށް ދެއްކި ރަތްކާޑާއެކު އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނެވެ.

ހާފް ނިމުމުގެ ކުރިން ރެނެސްއިން ނަތީޖާ ހަމަހަމަކުރީ ބޮރިގޭޑްގެ ގޯލުންނެވެ. އަދި ދެވަނަ ހާފްގައި މޮންރެއާލް އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން 88 ވަނަ މިނެޓުގައި ސާ ޖެހި ގޯލާއެކު އާސެނަލްއަށް ދެވަނަ ލެގު އުނދަގޫވިއެވެ.