ރާއްޖޭގައި ބާއްވަމުންދާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް "ކުލަބް މޯލްޑިވްސް ކަޕް 2018" ރޭ ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ރޭ މާފަންނު ކުޅިވަރު އެކުވަނީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހުރިހާ ޓީމެއްގެ ޖާޒީ ދައްކާލާފައެވެ. އަދި އޭގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމް އާއި، އައިޝަތު ޖައިޝާ ވަހީދާ އާއި ޝަޒާ އަބްދުއްރަޝީދުގެ އިތުރުން ރީޙާން އަހުމަދުގެ ލަވަތަކާއެކު ކުލަބް މޯލްޑިވްސްގެ ކަޕްގެ މުނިފޫހިފިލުމުގެ ބައިވެރިޔާ ބިދަބިންގެ ރީތި ބޮޑުބެރުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ބިދަބިންގެ ބޮޑުބެރު ހަރަކާތް - ވަގުތު ފޮޓޯ: އަހުމަދު އަޝްހާދު އަބްދުއްﷲ

މި ހަރަކާތުގެ ތެރެއިން މިދިޔަ އަހަރުގެ 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަން ޓީމް ފެނަކަ އަދި ކުލަބް މޯލްޑިވްސް މިދިޔަ އަހަރުގެ ޗެމްޕިއަން އެމްއާރްޑީސީ އަށް ވަނީ ޗެމްޕިއަން ބެޖް ހަވާލުކޮށްފައެވެ. އެ ދެޓީމާވެސް ޗެމްޕިއަން ބެޖް ހަވާލުކޮއްދެއްވީ ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ދިރާގުގެ ސީނިއާ މެނޭޖަރ ބުރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރުސާން ހަސަން އެވެ.

މިދިޔަ އަހަރު 18/30 ޗެމްޕއަން ޓީމަށް ޗެމްޕިއަން ބެޖް ހަވާލުކުރަނީ - ވަގުތު ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ

މި މުބާރާތުގައި 18/30 އަންހެނުންގެ ފުޓްސަލް ފިއެސްޓާގެ ބައިން 9 ޓީމެއް ވާދަކުރާއިރު ކުލަބް މޯލްޑިވްސް ފުޓްސަލް ފިއެސްޓާގެ ފިރިހެން 32 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ހުރިހާ ޓީމަކުން ޖުމްލަ 547 ކުޅުންތެރިންނެވެ.

މި މުބާރާތް ހިންގާތާ މިހާރު 13 އަހަރު ވެފައިވާއިރު، މި މުބާރާތުގެ ސަބަބުން ރާއްޖޭގައި ކުޅަދާނަ އެތަށް ފުޓްސެލް ކުޅުންތެރިންނެއްވަނީ އުފެދިފައެވެ. އަދި މި މުބާރާތުން ވިދާލި ބައެއް ކުޅުންތެރިން މިހާރު ގައުމީ ޓީމްގައި ހަރަކާތްތެރިވާކަން ފާހަގަ ކުރެވެއެވެ. މި މުބާރާތަކީ އޮފީސްތަކާއި ކުންފުނިތަކުން އެންމެ އިސްކަމެއްދީގެން ކުޅިވަރުގެ ގޮތުގައި އެ އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވާ ހަރަކާތެވެ.

ޕަބްލިކް ވޯކްސް އަދި ކުލަބް އާސަންދަ ބައްދަލުކުރި މެޗްގެ ތެރެއިން - ވަގުތު ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ

މުބާރާތް ހުޅުވުމުގެ ގޮތުން 18/30 އަންހެން ފުޓްސަލް ފިއަސްޓާގައި ރޭ ވާދަކޮށްފައިވަނީ ޓީމް ފެނަކަ އާއި އުރީދޫ އެވެ. މި މެޗް 0 – 4 އިން ކާމިޔާބު ކޮށްފައިވަނީ ފެނަކަ އެވެ. އަދި ކުލަބް މޯލްޑިވްސް ފުޓްސަލް ފިއެސްޓާގެ ފިރިހެން ޓީމް ތަކުން ރޭ ކުޅެފައިވަނީ ޕަބްލިކްވޯކްސް އާއި ކުލަބް އާސަންދައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗް 1 – 3 ގެ ނަތީޖާއަކުން ކާމިޔާބް ކޮއްފައިވަނީ ޕަބްލިކް ވޯކްސް އެވެ.

ފެނަކަ އާއި އުރީދޫ ބައްދަލުކުރި މެޗްގެ ތެރެއިން - ވަގުތު ފޮޓޯ: އަހުމަދު އަޝްހާދު އަބްދުއްﷲ

މި މުބާރާތުގައި މިއަދު ހަވީރު ދެ މެޗެއް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. އެއީ ކުލަބް ޓީސީއެލް އާއި މީޑިޔާ ނެޓް ބައްދަލުކުރާ މެޗްގެ އިތުރުން އަންހެން ޕޮލިސް ކުލަބާއި ވެމްކޯއެވެ. މިރޭ ފިރިހެން 4 މެޗް ކުޅެން ހަމަޖެހިފައިވާއިރު އަންހެން މެޗެއް މިރޭ ނުކުޅޭނެއެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ.

ޒުވާނުންގެ މެދުގައި މަގުބޫލް މި މުބާރާތް ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ ޒުވާނުންނާއި އެތަށް މީހުނެއްވަނީ މާފަންނު ކުޅިވަރު އެކުވަނީގައި މުބާރާތް ކުރިއަށްގެންދާ ސަރަހައްދައް ޖަމާވެފައެވެ. މި މުބާރާތުގެ ޕްލެޓިނަމް ޕާޓުނަރުންނަކީ މައިލޯ، ދިރާގް، ސުޒުކީ މެރިން އަދި ތިލަފުށި ކޯޕަރޭޝަން އެވެ.