މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ށ އަތޮޅު ބުރުގެ ފައިނަލަށް ފުނަދޫ އާއި ފޯކައިދޫ ހިނގައްޖެއެވެ.

ފުނަދޫއިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ އިއްޔެ ހަވީރު ފޯކައިދޫ ދަނޑުގައި ކުޅުނު މެޗް ފޭދޫ އަތުން މޮޅުވެގެންނެވެ. އަދި ފޯކައިދޫއިންވެސް ވަނީ ފޭދޫ އާއި އެކު ކުޅުނު މެޗުން ކުރިހޯދާފައެވެ. މި އަތޮޅު މުބާތާތުގައި ވާދަކުރަނީ 3 ޓީމެވެ. އެއީ ފޭދޫ އާއި ފޯކައިދޫ އާއި ފުނަދޫއެވެ. ފޭދޫ ކަޓާފައިވަނީ އެއްވެސް މެޗަކުން މޮޅުނުވެއެވެ.

އިއްޔެ ހަވީރު ފުނަދޫ އާއި ފޭދޫ، ފޯކައިދޫ ދަނޑުގައި ބައްދަލުކުރި މެޗްގެ ތެރެއިން- ފޮޓޯ: ފޭސްބުކް/ފޯކައިދޫ ލައިވް ސްޕޯޓްސް

އިއްޔެ ކުޅުނު މެޗް 0 - 3 ގެ ނަތީޖާއަކުން ފުނަދޫ ކާމިޔާބް ކުރި އިރު ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނިޓްގައި ފުނަދޫއަށް ކާމިޔާބު ކޮއްދިނީ އަލީ ފަރީދެއެވެ. ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މެޗްގެ 83 ވަނަ މިނިޓްގައި ފުނަދޫއަށް ދެވަނަ ލަނޑުޖަހާ ލީޑް ފުޅާކޮށްދިނީ އިބްރާހިމް އައިޝަމް އެވެ. މެޗްގެ އެންމެ ފަހު މިނިޓްގައި ފުނަދޫއަށް 3 ވަނަ ލަނޑު ޖަހައިދިނީ ހުސައިން އަރީފެވެ.

މި އަތޮޅުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ. އެ މެޗްގައި ފޯކައިދޫ އާއި ފުނަދޫ ބައްދަލުކޮށް ޗެމްޕިއަކަށް ދާ ޓީމެއް ޒޯން ދޭއްގައި ބައްދަލު ކުރަން ޖެހޭނީ ނ.އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ