މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މ. އަތޮޅު ބުރުގެ ފައިނަލް މެޗްގައި ޕެނަލްޓީ ޖަހައިގެން ވޭވަށުގެ މައްޗަށް ކުރި ހޯދައި މުލި އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗް ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމްވެސް ވަނީ 1 - 1 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މި މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު 2 ވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ މުލީ ޓީމުންނެވެ.

އެ ލަނޑު މެޗްގެ 49 ވަނަ މިނިޓްގައި އެޓީމަށް ޖަހައިދިނީ ނާއިފް ޝަފީގެވެ. ނަމަވެސް މެޗްގެ 85 ވަނަ މިނިޓްގައި ވޭވަށު ޓީމްގެ ނާފިޒް އަބްދުލް ޝުކޫރުވަނީ އެޓީމަށް ލަނޑު ޖަހައިދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީ އިންނެވެ. ޕެނަލްޓީގައި މުލިން ވަނީ 4-5 އިން ވޭވަށް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މުލިން މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު އެޓީމާއެކު ޒޯން 5ގެ ބުރަށް ކޮލިފައިވެފައިވަނީ ފ. ނިލަންދޫ އާއި ވ. ފުލިދޫއެވެ.