އެފްއޭއެމްގެ އެކްސްކޯ، އަދި ރައީސް ބައްސާމް އަދީލް ޖަލީލުގެ ލީޑާޝިޕްއާ ދެކޮޅަށް ބާއްވާ، އެކްސްްޓްރާ އޯޑިނަރީ ކޮންގްރެސް ކްލަބުތައް އަމިއްލައަށް ބާއްވަން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހު ޕެރަޑައިސްގައި ކޮންގްރެސް ބާއްވަން ނިންމާފައިވާ އިރު، އެ ކޮންގްރެސް ބާއްވާ ގާނޫޫނީ އަދަދު ހަމަވާވަރަށް ކްލަބުތަކުގެ ސޮއިއާ އެކުގައި ކަމަށް ކްލަބުތަކުން ބުނެފައިވެއެވެ. މީގެ ކުރިން ވިކްޓަރީން، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް އެދި ހުށަހަޅާފައިވާ އިރު، ފުރަތަމަ ވިކްޓަރީން ބުނެފައި ވަނީ ކޮންގްރެސްއަށް ހުށަހަޅީ މެމްބަރު 19 ކްލަބެއްގެ ސޮއެއާއެކުގައި ކަމަށެވެ.

އެހެން ނަމަވެސް، އެފްއޭއެމްއިން ބުނެފައި ވަނީ ވިކްޓަރީން އެކަމުގައި އޮޅުވާލައިފައިވާ ކަމަށާއި، އެސޯސިއޭޝަނަށް ހުށަހެޅި ސިޓީގައި ސޮއިކޮށްފައި ވަނީ 15 ކްލަބު ކަމަށެވެ. އަދި އެ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓަކީ އެފްއޭއެމްއިން މުސާރައިގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވާ ކްލަަބަކަށްވުމުން ސޮއި ބަލައި ނުގަނެވޭނެ ކަމަށާއި، އޭގެ އިތުރުން ކްލަބު ރޮކް ސްޓްރީޓާއި ށ. ފޯކައިދުއަކީ އެފްއޭއެމްގެ މެމްބާޝިޕް ލިބިފައިނުވާ ކްލަބުތައް ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

އޭގެ އިތުުރުން އެ ގަރާރުން ހަތަރު ކްލަބަކުން ފަހުން ސޮއި ނެގިކަމަށް އެފްއޭއެމްއިން ބުނެފައިވާ އިރު، ސޮއި ނެގި ކްލަބުތަކާއެކު އެފްއޭއެމްއިން ވަނީ މިދިޔަ ހަފްތާ ޕްރެސްއެއްވެސް ބާއްވާފައެވެ. އެފްއޭއެމްއިން ވިކްޓަރީގެ ސިޓީއާއެކު ފީފާއިން ލަފާ ހޯދި ކަމަށް ބުނެފައިވާ އިރު، އެ ލަފާއަށް ރިއާޔަތްކޮށް ބުނެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އޯޑިނަރީ ކޮންގްރެސްއެއް އޮތުމާއެކު ކޮންގްރެސް ނުބާއްވަން ފީފާއިން އެދިފައިވާ ކަމަށެވެ.

ކްލަބުތަކަށް ކޮންގްރެސް ބާއްވަން ތައްޔާރުވެފައިވާ އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންގްރެސް ބާއްވާނީ އޭއެފްސީއާއި ފީފާގެ އޮފިޝަލުންނާވެސް އެކުގައެވެ. އެހެން ނަމަވެސް، އެފްއޭއެމްއިން ބުނެފައި ވަނީ އަންގާރު ދުވަހު ފީފާގެ އޮފިޝަލުން އަންނަނީ އެކަމުގައި ނޫން ކަމަށާއި، ރާއްޖޭގެ ފުޓުބޯޅައިގެ ކަންތައްތަކެއް ދިރާސާ ކުރުމަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކްލަބުތަކުން އިސްނަގައިގެން ބާއްވާ ކޮންގްރެސް ލީޑު ކުރަނީ ވިކްޓަރީއެވެ. އެ ކްލަބުން މިހާރު ވަނީ އެޖެންޑާ އެކުލަވާލާ އެފްއޭއެމްގެ ބައިވެރިވުމަށްވެސް ދައުވަތު ފޮނުވާފައެވެ. އެއީ އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން، އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް ކްލަބުތަކުން ބުނެފައިވެއެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނަނީ 50 ޕަސެންޓަށްވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދޭތޭ 14 ދުވަސް ތެރޭ ބާއްވައިދޭން ޖެހޭނެ ކަމަށާއި ނުބާއްވައިފި ނަމަ، އެކަމަށް އެދުނު ކްލަބްތަކަކަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަކިކުރޭ

    ވަކިކުރަން ލަސްވެފައިވާ މީހެއް. ނިއުރޭޑިއަންޓަށް ދޭންވާ ފައިސާ ހިފަހައްޓައި ޓީމު ހަލާކުކޮށްލާއިރު ނޭގޭތޯ އެހަލާކު ކުރެވެނީ މައި ފުޓްބޯޅަކަމެއް. ވީކަމެއް ނެތް. މުބާރާތްތައް ބޭއްވެނީއެއް ނޫން. އަތޮޅުތައް ވާނުވާގައި. އެންމެކުޑަމިނުން ފުޓްބޯޅައަށް ވާގޮތެއްވެސް އިނގެނީއެއް ނޫން. ޗުއްޓީއަށް ދުނިޔޭގެ ހަތްބިތަށްގޮސް ކުޅެލާ 2 ބޯޅައަކުން ރާއްޖޭގެ ފުޓުބޯޅައެއް ކުރިއަކަށް ނުދާނެ.

    3
    2