ހޯޒޭ މޮރީނިއޯ ފޮނުވާލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާ އަލަށް ހަވާލުވި ވަގުތީ ކޯޗު، އަދި ކްލަބު ލެޖެންޑް އޮލި ގުނަ ސޮލްސްޖާއާއެކު ލީގުގައި ބަލިނުވެ އޮތް ޔުނައިޓެޑް، އާސެނަލް އަތް ދަށުވެއްޖެއެވެ.

މިރޭ އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗަށް ދެޓީމުވެސް ނުކުތީ ގަދަ ހަތަރެއްގައި ހަމަޖެހިލުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށެވެ. ޗެލްސީން މިރޭ ވުލްވްސްއާ އެއްވަރުވުމުން މިރޭގެ މެޗުން މޮޅުވާ ޓީމަށް ގަދަ ހަތަރަކަށް ފުރުސަތު ބޮޑުކޮށް އޮތް އިރު، ދެޓީމުންވެސް ނުކުތީ އެޓޭކަށް ވިސްނައިގެންނެވެ. ޔުނައިޓެޑާ އަލަށް ހަވާލުވި ވަގުތީ ކޯޗު، އޮލި ގުނަ ސޮލްސްޖާއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، މިރޭގެ މެޗަށް އޮތް އެންމެ ބޮޑު ހިތްވަރަކީ މިދޔަ ހަފްތާ ތެރޭގައި، ވަރުގަދަ ޕީއެސްޖީ ޗެމްޕިއަންސް ލީގުން ކަޓުވާލެވުމެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އާސެނަލް ފެނުނީ ނުރައްކާތެރި ކޮށެވެ. ހާއްސަކޮށް ޔުނައިޓެޑުން ކުރިއަށް ޖެހި ހަމަލާ އުފެއްދުމުގައި ދަށްކޮށް ފެނުނު އިރު، އާސެނަލްގެ އެޓޭކް ލައިން ފެނުނީ ނިންމުންތަކަށް ސަމާލުވެފައިވާ އެޓޭކް ލައިނެއްގެ ގޮތުގައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު ނެގިއެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ފަރާތުން ފެނުނީ ހީވެސް ނުކުރާ ފަދަ މިސްޓޭކެކެވެ. ހާފްގެ މެދެއްހާ ހިސާބުން އާސެނަލްގެ މިޑްފީލްޑަރު ގްރެނިޓް ޖަކާއަށް ލިބުނު ޖާގައިގެ ބޭނުން ހިފާ އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަދެގެން ދިޔައީ، ޑެހެއާއަށް ހުރެވުނީ ރަނގަޅު ޕޮޒިޝަނުގައެއް ނޫނެވެ.

ޔުނައިޓެޑުން ހާފްގެ ފަހު ކޮޅުގައި ޓެކްޓިކްސްއަށް ބަދަލު ގެނެސް، ޕޮގްބާ ކުރިއަށް ޖައްސާ ހަމަލާތައް އުފައްދަން ފެށިއެވެ. ރަނގަޅު ފުރުސަތުތަކާއެކު ލުކާކޫއަށް ލިބުނު ދެ ހަމަލާ ފާހަގަ ކޮށްލެވުނެވެ. އެއް ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހަމަލާ މަތަކުރީ އާސެނަލް ގޯލްކީޕަރު ލެނޯއެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑް ފޮނުވާލި ހަމަލާއެއްވެސް އަރިމަތީ ދަނޑީގައި ޖެހުނު އިރު، އެ ހާފް ވަރުގައަށް ނިންމާލީ ޔުނައިޓެޑުންނެވެ. ދެވަނަ ހާފަށްވެސް ޔުނައިޓެޑް ނުކުތީ އެ ފޯމުގައެވެ. މެދުތެރެ ޑޮމިނޭޓްކޮށް، ރީތި ޕާސްތައް ޖަހާ ހަމަލާތައްވެސް އުފެއްފިއެވެ.

ހާފްގެ ކުރީކޮޅުގައި ހުސް ފުރުސަތުތަކެއް ލިބުނު އިރު، ލުކާކޫގެ ފަރާތުން އަނެއްކާވެސް ފުރުސަތެއް ބޭކާރު ވެގެންދިޔައެވެ. އޭރިއާ ބޭރުން ފްރެޑަށް ޕޮގްބާ ހުސްކޮށްލި ބޯޅަ، އޭނާ ބާރަށް ފޮނުވާލި ނަމަވެސް އާސެނަލްގެ ޑިފެންޑަރު ބްލޮކް ކުރިއެވެ. އެ ބޯޅަ ބޭރު ނުވަނީސް އަނެއްކާ ޔުނައިޓެޑުން އިތުރު ހަމަލާއެއް ފަހި ކުރިއެވެ.

ރަޝްފޯޑު، އޭރިއާ ތެރޭގައި ހުރި ލުކާކޫއަށް ހުސްކޮށް ދިން ބޯޅައިގައި، އޭނާ ފުރަތަމަ ޖައްސާލި ޓަޗު ބާރުވީއެވެ. އެހެން ނަމަވެސް ލުކާކޫ ވަނީ އުނދަގޫކޮށްވެސް އެ ބޯޅަ ގޯލަށް ފޮނުވާލާފައެވެ. ދިފާއުކުރީ އާސެނަލްގެ ގޯލްކީޕަރު ލެނޯއެވެ.

ޔުނައިޓެޑުން ރަނގަޅަށް މެޗަށް ނުވެދެވިގެން އުޅެނިކޮށް، އެޓީމަށް އިތުރު އުނދަގުލެެއް ކުރިމަތިވީ 67 ވަނަ މިނެޓުގައި އާސެނަލަށް ލިބުނު ޕެނެލްޓީންނެވެ. އާސެނަލްއިން ދެވަނަ ހާފްގައި އުފެއްދި ފުރަތަމަ ހަމަލާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފްރެޑް ވަނީ ލަކަޒެޓަށް، އޭރިއާ ތެރެއިން ފައުލް ކޮށްފައެވެ. އެ ފުރުސަތުގައި ލިބުނު ޕެނެލްޓީން އާސެނަލްއަށް ނަތީޖާގެ ފަރަަގު ބޮޑު ކޮށްދިނީ އަބަމަޔާންގްއެވެ.

މިރޭގެ މޮޅާއެކު އާސެނަލްއިން ގަދަ ހަތަރަކަށް ޖެހިލި އިރު، އެޓީމަށް ވަނީ 30 މެޗުން 60 ޕޮއިންޓް ހޯދާފައެވެ. ފަސްވަނައިގައި ޔުނައިޓެޑް އޮތީ 58 ޕޮއިންޓާއެކުގައެވެ.