މިއަހަރަކީ ވޯލްޑްކަޕް ކާމިޔާބުކުރަން ލިބޭ ފަހު ފުރުސަތަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ،

އާޖެންޓީނާގެ އަދި ބާސެލޯނާއަށް ކުޅޭ މެސީ ވަނީ ކުލަބް ލެވަލްގަ އާއި އަމިއްލަ އެތަށް އެވޯޑެއް ހޯދާފައެވެ. ނަމަވެސް ގައުމީ ލެވެލެއްގައި އަދި މިހާތަނަށް މެސީއަށް ވަނީ ބޮޑު ކާމިޔާބީއެއް ހޯދޭގޮތް ނުވެފައެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގަ އާއި 2015 އަދި 2016ގެ ކޮޕް އެމެރިކާ ފައިނަލްގައި މެސީއަށާއި އަދި އާޖެންޓީނާ ޓީމަށް ވަނީ ހިތްދަތި ކަމާއެކު ތަށީގައި އަތްލުމުގެ ފުރުސަތު ލިބޭގޮތް ނުވެފައެވެ.

"މިކަހަލަ މެޗް ތަކުގައި އަހަރެންނަށް ވަރަށް ބޮޑަށް ރޮވޭ. ފައިނަލްގައި ބަލިވުމުން. އަހަރެން އެ ތަށި ބޭނުން ވެފައިވާ ވަރުންނާއި އަހަރެން އެތައްޓަށް ކުރާ އުއްމީދެއްގެ ބޮޑުކަމުން" ދާދި ފަހުން ބާސެލޯނާގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނީ ކޮންމެ ފައިނަލަކީވެސް އުނދަގޫ ފައިނަލެއް ކަމަށާއި، ކުޅެވުނު 3 ފައިނަލުންވެސް ނަސީބް އެހާ ރަނގަޅު ނޫންކަމަށެވެ.

"އަހަރެމެން ބޮޑަށް އިސްކަން ދެނީ ނަތީޖާއަށް. އަހަރެމެން ގަބޫލް ކުރަން މިފަހަރު ޗެމްޕިއަންކަން ނުނެގިއްޖެ ނަމަ ދެން މި ފުރުސަތު އަހަރެމެންނަށް ނުލިބިދާނެކަމަށް" މެސީ އިތުރަށް ބުންޏެވެ.

ފަސް ފަހަރު ބެލެންޑިއޯ ކާމިޔާބު ކޮށްފައިވާ މެސީ އަށް މި އަހަރު ޖޫންގައި 31 އަހަރު ފުރޭއިރު ވޯލްޑް ކަޕް ފެށުމުގެ ކުރިން އާޖެންޓީނާ ޓީމްގައި ހިމެނޭ މަޝެރާނޯ، ސާޖިއޯ އަގުއެރޯ، ހިގުއައިން، ޑި މާރިޔާ އަދި ނިކޮލަސް މެން 30 އަހަރު ފުރި 31 އަހަރަށް އަޅާނެއެވެ.

މެސީ ބުނީ 2014 ގައި ޖަރުމަނާއި ދެކޮޅަށް ކުޅެވުނު ވޯލްޑަ ކަޕް ފައިނަލްގައި ބަލިވިފަހުން މިއަހަރު ކުޅޭ ވޯލްޑް ކަޕްގެ ތަށި ނަގަން ކެތްމަދުވެފައިވާ ކަމަށެވެ.

"އަހަރެން ހުރިހާ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ތިފަރާތްތަކުން އެދޭ ފަދައިން މި ފަހަރުގެ ވޯލްޑް ކަޕްގެ ތަށި އަހަރެން އުފުލާލުމުގެ އުންމީދު އަހަރެންވެސް ކުރާކަން. އަދި މިއީ އާޖެންޓިނާގެ އެންމެންގެ އުއްމީދާއި ގުޅިފައިވާ ތައްޓެއްކަން އަހަރެންނަށްވެސް އެނގޭ" މެސީ ބުންޏެވެ.