ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވޭ މޫދު ކުޅިވަރު ކޮންވެންޝަން މިއަދު ފަށައިފިއެވެ.

"ދިޔަރެސް"ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ކުޅިވަރު ކޮންވެންޝަން ފައްޓަވާ ދެއްވީ އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދެވެ.

"ދިޔަރެސް" ގެ ނަމުގައި ފެށި މި ކޮންވެންޝަންގައި މޫދު ކުޅިވަރާއި ގުޅޭ ދާއިރާގެ ބޭފުޅުން އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަށް ސަރުކާރާއި ހިއްސާކޮށް މަޝްވަރާ ކުރާނެއެވެ.

މި ކޮންވެންޝަން ހުޅުވުމުގެ ރަސްމިޔާތުގައު ވާހަކަ ދައްކަވަމުން އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއީ އާފެށުމެއް ކަމަށާއި މިއީ މޫދު ކުޅިވަރު ތަކުގައި ޙަރަކާތްތެރި ވަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވޭ މި ފަދަ އެންމެ ބޮޑު އެއް ހަރަކާތް ކަމަށެވެ.

"މިކޮންވެންޝަންގައި މޫދު ކުޅިވަރު ކުރިއެރުވުމުގައި ހުރި ފުރުސަތުތަކާއި، މޫދު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އަދި އެކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަރުދާސް ހުށަހެޅުން ވެސް އޮންނާނެ" އަލީ ވަހީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރައްވާނެ ކަންކަމުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއަށް ބޮޑު އިސްކަމެއްދެއްވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ބޮޑު ސަމާލުކަމެއް ދެއްވުމަށް ކަނޑައަޅުއްވާފައިވާއިރު ކުދި ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އެކަމަށް މަރުހަބާކިޔާފައެވެ.

ސަރުކާރުގެ ކުޅިވަރު ވައުދު ތަކުގެ ތެރެއިން ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ކާމިޔާބުކަމާއި އެކު ވަނީ ބާއްވާފައިވާއިރު ސަރުކާރުގެ ކުޅިވަރުގެ ވައުދުތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ކުޅިވަރު އޯޑިޓެއް ހެދުމާއި މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުން ހިމެނެ އެވެ.

އަދި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖައްސަން ވަނީ ވައުދުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާފުރާއްޖެ

    ކޮންކަމެއްތޯ ކުރަންތިއުޅެނީ. މިހާރުވެސް ޅ.ނައިފަރުގަ އަމިއްލަ ޖަމްއިއްޔާއަކުން ފްލޯޓިން ސްވިމިންގ ޓްރެކެއް އަޅަން އެދުމުން ކައުންސިލް ހިންގުމާއި ހަވާލުވެހުންނެެވި މިހާރު ނައިފަރުން މަޖްލިސްއަށް ކުރިމަތި ލާފަވާ ނުފޫޒްގަދަަ ފަރާތުން އެކަން ނުކުރެވޭނެ ކަމަށް ދީފަވާލިޔުން މުޅި ސޯސަލް މީޑިއާގަ ދުވަނީ.