ގައުމީ ޓީމަށްވެސް ކުޅެ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިިނަ ކްލަބުތަކަކަށްވެސް ކުޅެފައިވާ ޑިފެންޑަރު، އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ޓީސީ ސްޕޯޓްސް ކްލަބު ދޫކޮށް، ،މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް، މާޒިޔާއިން މުހިއްމު ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންދާ އިރު، ބެންޖޯ ވެގެންދާނީ އެޓީމަށް ލިބިދޭނެ ރަނގަޅު ތަޖުރިބާއަކަށެވެ. އުމުރުން 34 އަހަރުގެ ބެންޖޯ ވަނީ މީގެކުރިން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަކަށް ކުޅެފައެވެ. ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ވިދާލި ބެންޖޯ ވަނީ ވީބީ ސްޕޯޓްސް ކްލަބަށް ހަތަރު އަހަރު ކުޅެފައެވެ.

އޭގެފަހުންވެސް އީގަލްސްއާއި ވެލެންސިއާ، އަދި ނިއު ރޭޑިއަންޓަށްވެސް ކުޅުނު ބެންޖޯ ޓީސީއަށް 2017 ވަނަ އަހަރުގައެވެ. އޭނާގެ އުމުރުން ގިނަ ދުވަސްވެފައި ހުރި ނަމަވެސް، ޓީސީގެ އޭރުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުބާރު ބެންޖޯ ހޯދިއެވެ. އުމުރަކަށް ބެލިމެއްނެތި މޮޅު ކުޅުމެއް ދެއްކި ބެންޖޯއަކީ ޓީސީން ބަންގްލަދޭޝްގައި ކުޅުނު ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ކާމިޔާބުކުރި އިރު، އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ.

ބެންޖޯއަށް މިދިޔަ ސީޒަންގައި ބޮޑު އަނިޔާއެއްވެ، ސީޒަންގެ ބޮޑުބައެއް ގެއްލު ނަމަވެސް، އޭނާ އަންނަނީ އަނެއްކާވެސް ރަނގަޅު ފޯމަކަށް އެޅެމުންނެވެ.

ބެންޖޯ ވަނީ ގައުމީ ޓީމުގެ 23 އަހަރުން ދަށަށާއި، ސީނިއާ ޓީމަށްވެސް ކުޅެފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން ދަނީ ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ. ހާއްސަކޮށް ރާއްޖޭ ލެވެލްގައި އެންމެ ވަރުގަދަ ކުޅުންތެރިން މާޒިޔާއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ފޯވަޑް، ހަމްޒާ މުހައްމަދު (ހަމްޕް)ވެސް އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައިވެއެވެ.

އޭގެ އިތުރުން ތަޖުރިބާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ވެސް ވަނީ ނިއު ދޫކޮށް މާޒިޔާ ގުޅިފައެވެ.

މާޒިޔާގައި މިދިޔަ ސީޒަނުގައި ހުރި ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ)، ދަ ގްރާންޑޭގެ ކޯޗުކަމާ ހަވާލުވެފައިވާ އިރު، އޭނާގެ ބަދަލުގައި ގެންދާނެ ކޯޗެއް އަދި މާޒިޔާއިން އިއުލާން ކޮށްފައެއް ނުވެއެވެ.