ރާއްޖޭގެ ގައުމީ ކުޅިވަރަކީ ފުޓުބޯޅައެވެ. ދިވެހީން އެންމެ ލޯބިވާ ކުޅިވަރަކީ އަބަދުވެސް ފުޓުބޯޅައެވެ. ރާއްޖޭގެ ފަހުރަކަށްވެސް އެތައް ފަހަރަކުވާ ފުޓުބޯޅައިގެ އެންމެ ބޮޑު ޝަރަފަކީ ގައުމީ ޓީމެވެ. ގައުމީ ޓީމުން ގައުމު ރަމްޒު ކޮށްދޭ އެންމެ މުހިއްމު ވަސީލަތަކީ ގައުމީ ޖާޒީއެވެ. ޖާޒީގައި ހިމެނޭ ގައުމީ ކުލައެވެ. ގައުމީ ޖާޒީއެވެ.

ގައުމީ ޓީމުގެ ސްޕޮންސާ، ބީއެމްއެލްއިން "އަހަރެންގެ ޓީމު"ގެ ޖާޒީ ޑިޒައިން ކުރަން ހުޅުވާލީ ދިވެހި ހުނަރުވެރިންނަށެވެ. ރާއްޖޭގެ އެތައް ބަޔަކު ޑިޒައިންތައް ހުށަހެޅިއެވެ. 100 އެއްހާ ޑިޒައިނުން، ގައުމީ ޓީމުގެ ޝަރަފުވެރި ޖާޒީ ފަރުމާ ކުރުމަށް ލިބުނޫ ޝާޒިފް އާދަމްއަށެވެ. ކްރިއޭޓިވް ޑިޒައިނާ ޝާޒިފް، އޭނާގެ ޑިޒައިނަށް ކުރި ތަސައްވަރު އޭނާ ކިޔައިދީފައިވެއެވެ.

"ޖާޒީ ޑިޒައިން ކޮމްޕެޓިޝަންގެ ޕޯސްޓް ފެނިގެން ފުރަތަމަ ނުވިސްނަން އެޕްލައި ކުރާކަށް، ދެން ވަރަށް ގިނަ ފްރެންޑުންނާ އާއިލާ މީހުންވެސް އެއަށް ޓެގް ކުރަން ފެށި. ދެން އެކަމަކުވެސް ހިތަށް އެރި ވަރަށް ބައިވަރު ބޮޑެތި ޑިޒައިނަރުން އެޕްލައި ކުރާނޭ. ދެން އަންހެނުންގެ ޕުޝްއަކާވެސް އެކު ޑިޒައިން މަސައްކަތް ފެށީ،" ޝާޒިފް މަސައްކަތަށް ކުރިމަތިލި ގޮތް ކިޔައިދިނެވެ.

ޝާޒިފްގެ ޑިޒައިން ---

ޝާޒިފް ރާއްޖޭގެ ހޯމް ޖާޒީ، ރަތް ޖާޒީއަށް ހިޔާލު ގެނައީ ކޮމެންޓޭޓަރުން ބޭނުންކުރާ "ރެޑް ސެނެޕާސް"އިންނެވެ. އަވޭ، ނޫ ޖާޒީއަށް ހިޔާލު ގެނައީ ވަށައިގެންވާ ރީތި ކަނޑުތަކާއި މޫދުންނެވެ.

"ދެން ފެށި އިރު، ބައެއް ރަހުމެއްތެރިންގެވެސް ހިޔާލު ލިބުނު. ދެން ވަރަށް ގިނައިން އިވޭނެ ކޮމެންޓޭޓަރުން ބުނާ އަޑު 'ރެޑް ސްނެޕާސް އާ އޮންދަ ފީލްޑްއޭ'. އެއީ އަސްލު ރަތް ޖާޒީ ޑިޒައިން ކުރިއިރު އެންމެ ބޮޑަށް ލިބުނު އިންސްޕިރޭޝަންއަކީ. އޭގައި ދެން އެފެންނަނީ، "ރެޑް ސެނެޕާސް"ގައި ހުންނަ ކަހަލަ ސްކޭލްތަކެއް، ރަމްޒުކޮށްދޭނީ އަހަރެމެން އަންނަނީ މަސްވެރިކަން ބޮޑު ރަށްތަކަކުން ކަން. އޭތި ވަރަށް ތަފާތު ގޮތްގޮތަށް ޓްރައި ކުރިން. މިހާރު މި ފެންނަ ޑިޒައިންގައި ފެންނާނީ މަތިން ތިރިއަށް ފޭޑް ވާގޮތަށް. ކުރިން މުޅި އެތީގަ ސްކޭލް ލާފައިވެސް ބެލިން. އެކަމަކު ޒަމާނީ ގޮތްގަނޑެއް ގެންނަން ވެގެން ތަންކޮޅެއް ބޮޑަށް ފޭޑް އައުޓް ކޮށްލާފަ އިންނާނީ. އަވޭ ޖާޒީ ޑިޒައިން ކުރި އިރު، ބޮޑަށް ބެލީ އޭގައިވާ ކުލަ، ހާއްސަކޮށް އޭގެން ރަމްޒުކޮށްދެނީ ކޯއްޗެއް ކަން. ވަށައިގެންވާ މޫދު އޭގެން މި ރަމްޒުކޮށްދެނީ. މޫދު ފެންނަ ޑިޒައިންތަކެއް ބޮޑަށް ރަމްޒުކޮށްދެނީ،" ޑިޒައިންގެ ހިޔާލު ޝާޒިފް ކިޔައިދިނެވެ.

ޝާޒިފްގެ ޑިޒައިން ---

ޝާޒިފްގެ ޑިޒައިންްގައި ރަމްޒުކޮށްދޭ ގައުމީ ޖާޒީ ލާ ކުޅުންތެރިންނަށް ޝާޒިފްގެ އެދުމެއް އެބައޮތެވެ. ގައުމަށްޓަކައި، ގައުމަށް ރީތި ނަން ހޯދުމަށް ކުރާ މަސައްކަތް ބުރަކޮށް ކުރުމަށް އެދޭ އެދުމެވެ.

"ޑިޒައިނަރަކަށްވެ ހުރެ، ރާއްޖޭގެ އެހާ ގިނަ ބަޔަކު ސަޕޯޓްކުރާ ކުޅިވަރަކަށް މި ފީލްޑުން ކޮންޓްރިބިއުޓް ކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑަށް އުފަލެއް. އުންމީދަކީ މި ޖާޒީގައި ދިވެހި ގައުމީ ޓީމު ވީހާވެސް ގިނަ ކާމިޔާބީތަކެއް ހޯދުން،" ޝާޒިފް ބުންޏެވެ.