ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުން ޔުވެންޓަސް 2-0އިން ބަލިވެފައި އޮތް ނަމަވެސް، ރޭ އަމިއްލަ ދަނޑުގައި އެ ނަތީޖާ އަނބުރާލިއެވެ. ހުރިހާ ޝުކުރެއް، ހެޓްރިކް ހެދި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.

ޔޫރަޕްގެ އެންމެ ކާމިޔާބު އެއްޓީމު، ޔުވެންޓަސްއިން މިދިޔަ ފަސް އަހަރު ތެރޭ ދެ ފަހަރަށް ފައިނަލް ކުޅުނު ނަމަވެސް، އެޓީމަށް ޔޫރަޕްގެ ރަސްކަމަށް ނާދެވި އޮތުން އެއީ ޓީމަށް އޮތް އެންމެ ބޮޑު މާޔޫސްކަމެވެ. ރޮނާލްޑޯއާއެކު މިފަހަރު ޔުވެންޓަސް ނުކުތީ އެކަން ހާސިލް ކުރާށެވެ. ރޭ ފެނިގެންދިޔަ ނަތީޖާއާއެކު މުޅި ދުނިޔޭގައި ޔުވެންޓަސްގެ އަޑު ގަދަވި އިރު، ކްލަބުގެ ހިއްސާގެ އަގަށްވެސް އޭގެ ސަބަބުން އަސަރު ކޮށްފައިވެއެވެ.

ރޭގެ މެޗާއެކު މިލާންގެ މާކެޓްގައި ޔުވެންޓަސްގެ ހިއްސާ 23 ޕަސެންޓް މައްޗަށް ޖެހިލިއެވެ. އެއީ ގާތްގަނޑަކަށް ހިއްސާއަކުން 1.22 ޕައުންޑެވެ. އަދި ބައެއް ވަގުތުތަކުގައި އެ އަދަދު ވަނީ 1.59 ޕައުންޑަށްވެސް އަރާފައެވެ. ރޭގެ ވަގުތެއްްގައި ކުއްލިއަށް ޔުވެންޓަސްގެ ހިއްސާ މައްޗަށް ޖެހުނު ނަމަވެސް، އެ އަގު މިއަދު ވަނީ ކުޑަ ތަންކޮޅެއް ތިރިވެފައެވެ.

ޔުވެންޓަސްއަށް އިންޓަނޭޝަނަލް ބޮންޑް މާކެޓްގައި މިދިޔަ ފަސް އަހަރު ތެރޭގައިވެސް ފައިދާވީ މިދިޔަ މަހު އެކަންޏެވެ. 3.5 ޕަސެންޓް މިދިޔަ މަހު އެއީ ރޮނާލްޑޯގެ 100 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަށްފަހު އެޓީމަށް ވެފައިވާ ފައިދާއެވެ.