ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ކަޓުވާލާ، ލިވަޕޫލުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ލިވަޕޫލް، މިރޭ އެލިއާންޒް އެރީނާގައި ކުޅުނު މެޗުން މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގު 0-0އިން އެއްވަރުވެފައި އޮތް އިރު، އެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަލާތައް މަދުކޮށެވެ. ދެޓީމުންވެސް ޕާސްތައް ޖަހައިގެން ރީތިކޮށް ކުޅުނު ނަމަވެސް، އެ މެޗުގައި ގޯލެއް ފެނިފައެއް ނުވެއެވެ. ލިވަޕޫލްގެ ދަނޑުގައި އެ މެޗު ކުޅުނު އިރު، ލިވަޕޫލަށް ލިބުނު ފުރުސަތުތައް ގިނަ ނަމަވެސް، އެޓީމަށް ނިންމާލެވިފައެއް ނުވެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުވެސް ދިޔައީ އެ ރާގުގައެވެ. ދެޓީމުންކުރެ އެއްވެސް ޓީމެއްގެ ހަމަލައެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް، އިރުކޮޅެއްފަހުން ލިވަޕޫލުން ދެ ހަމަލާއެއް ފުލުފުު ފޮނުވާލިއެވެ. ރޮބާޓް ފާމީނޯއަށް ލިބުނު ފުރުސަތުގައި އޭނާގެ ބާރު ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، އޭގެ ދެ މިނެޓްފަހުން ލިވަޕޫލްއިން ލީޑުވެސް ނެގިއެވެ.

ފަހަތުން ވެންޑައިކް ދިން ތުރޫ ބޯޅައަށް، އޭރިއާ ތެރެއަށް ވަދެ މާނޭ ނިންމާލީ، ކުރިއަށް ޖެހި ހުރި ގޯލްކީޕަރު ނޯޔާވެސް ފަސޭހަކަމާއެކު ނައްޓާލުމަށްފަހުގައެވެ. އަވޭ ގޯލަކާއެކު ލިވަޕޫލުން ފައިދާ ނެގިއެވެ. އުންމީދާއެކު ކުޅެން ފެށި ލިވަޕޫލުން އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް އިތުރު ހަމަލާއެއް އުފެއްދިއެވެ. ރޮބާޓްސަން އަރިމަތިން އަރާ ފޮނުވާލި ބާރު ހަމަލާ ބޭރުކޮށްލީ ނޯޔާއެވެ.

ބަޔާންއަށް ރައްދު ދޭން މަޖުބޫރުވިއެވެ. އަމިއްލަ ދަނޑުގައި ތަފާތު ދައްކަން މަޖުބޫރުވެފައި އޮތް އިރު، އޭގެ ޖަވާބުވެސް ދިނެވެ. ހާފް ނިމުމުގެ ކުރިން އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. އަރިމަތިން އޭރިއާ ތެރެއަށް ވަދެ، ގްނަބެރީ ނަގައިދިން ހުރަސް ރޮބާޓް ލެވަންޑޮސްކީއަށް ފަހިވާން ދިޔަ ނަމަވެސް، ގޯލަށް ވަނީ ލިވަޕޫލް ޑިފެންޑަރު މަޓިޕްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

ދެވަނަ ހާފަށް ނުކުތް އިރު، އަމިއްލަ ބާރުގައި އޮތީ ލިވަޕޫލް ނަމަވެސް، 2013 ވަނަ އަހަރުގެ ޗެމްޕިއަން ބަޔާއިން ނުކުތީ އިތުރު ގޯލަކާއެކު ކުއާޓާއަށް ދިޔުމަށެވެ. ބަޔާންގެ ސަޕޯޓަރުން އެލިއަންޒް އެރީނާ ގުގުމާލާފައި އޮތް އިރު، އެ އަޑު މަޑުކޮށްލީ ދެވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލްގެ ދެވަނަ ގޯލަކާއެކުގައެވެ.

މިލްނާ ނަގައިދިން ކޯނަރު ބޮލުން ގޯލަށް ވައްދާލީ ލިވަޕޫލް ޑިފެންޑަރު ވެންޑައިކެވެ. އޭނާގެ ގޯލާއެކު ބަޔާންގެ ހިތްތައް ފަޅައިގެން ދިޔަ އިރު، އަމިއްލަ ދަނޑުގައި އެޓީމު ކޮޅަށް ތިންވަނަ ގޯލެއްވެސް ލިވަޕޫލުން ޖެހިއެވެ. މުޅި މެޗު ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ މާނޭ ލިވަޕޫލަށް ތިންވަނަ ގޯލެއް ޖެހި އިރު، ލިވަޕޫލްއިން އަނެއްކާވެސް ކުއާޓާއަށް ދަތުރުކުރިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ލިވަޕޫލްއިން ކުޅުނު އިރު، އެޓީމުން އެންމެފަހުން ޗެމްޕިއަންސް ލީގު އުފުލާލީ އިސްތާންބޫލްގައި ކުޅުނު ތާރީހީ ފައިނަލްގައި 2005 ވަނަ އަހަރުގައެވެ.