ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ލިއޯން ކޮޅަށް ފަސް ގޯލް ޖަހާ، ބާސެލޯނާއިން ކުއާޓާ ފައިނަލް ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު ދެވަނަ ލެގު ކާމިޔާބުކުރީ 5-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ފުރަތަމަ ލެގު ނިމިފައި އޮތީ 0-0އިންނެވެ.

ފުރަތަމަ ލެގުގައި ލިއޯންއިން ބަޔާން ހިފެހެއްޓި ނަމަވެސް، މިރޭގެ މެޗަށް ބާސާ ދަނޑަށް ނުކުންނަން ޖެހުމަކީ އެޓީމަށް ކުރިމަތިވި އެންމެ އުނދަގޫ ޓާސްކެވެ. މެޗުގެ ކުރީކޮޅުގައިވެސް ލިއޮނަލް މެސީގެ ނުރައްކާ ފެނިގެންދިޔައެވެ. ޝުއަރޭޒް ދިން ހަމަލާއަށް އޭރިއާ ތެރެއަށް ވަދެ، މެސީ ފޮނުވާލި ހަމަލާ މަތަކުރީ، ފުރަތަމަ ލެގުގައިވެސް ލިއޯން ސަލާމަތްކޮށްދިން ގޯލްކީޕަރު ލޮޕޭޒްއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބާސާއިން ލީޑުވެސް ނެގިއެވެ. އޭރިއާ ތެރެއިން ކުޓީނިއޯއަށް ގޯލްކީޕަރު ލޮޕޭޒް ކުރި ފައުލަށް ދިން ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނެގީ، މެސީއެވެ. ބާސާއިން އުންމީދު ބޮޑުކުރިއެވެ. މެޗުގެ ކޮންޓްރޯލް ހޯދާ ބާސާއިން ކުޅެންވެސް ފެށިއެވެ. ޝުއަރޭޒްގެ އިތުރު ހަމަލާއެއް ގޯލްކީޕަރު ލޮޕޭޒް ދިފާއުކުރި އިރު، ހާފް ނިމުމުގެ ކުރިން ބާސާއިން ލީޑު ފުޅާވެސް ކުރިއެވެ.

ދެވަނަ ހާފަށް ނުކުތް އިރު، ބާސާ އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް، 58 ވަނަ މިނެޓުގައި ޓޫސާޓް ޖެހި ގޯލާއެކު ލިއޯންއިން މެޗަށް އަނބުރާ ވަނެވެ. އެހެން ނަމަވެސް، ބާސާގެ ކެޕްޓަން އަނެއްކާވެސް ތަފާތު ދެއްކިއެވެ. މެސީ ހިފެހެއްޓުމަށް ލިއޯންއަށް ނުކުޅެދުނެވެ. މެޗުގެ 78 ވަނަ މިނެޓުގައި ބާސާއިން އަނެއްކާވެސް ގޯލެއް ޖަހާ ހަމަޖެހިލިއެވެ. ލިއޯންގެ ޑިފެންސް ތެރެ ހާވާލުމަށްފަހު މެސީ ފޮނުވާލި ބޯޅަށް ކީޕަރަށް ކުރެވޭނެ ކަމެއް ނެތެވެ.

މެޗުގެ ފަހު 10 މިނެޓުގައި ބާސާއިން އެޓީމުގެ ފެންވަރު ދައްކާލިއެވެ. 81 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ބޯޅައަކުން ޕީކޭ ގޯލް ޖެހި އިރު، އޭގެ އިރުކޮޅެއް ފަހުން، މެސީގެ އިތުރުން އެސިސްޓަކާއެކު ބާސާއިން ފަސްވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އުސްމާން ޑެމްބޭލޭއެވެ.

މިވަގުތު ޔޫރަޕްގައި އެންމެ ފޯމު ރަނގަޅަށް އޮތް ބާސާއިން ފަސޭހަކަމާއެކު ކުއާޓާއަށް ދިޔަ އިރު، ބާސާއިން އެންމެފަހުން ޗެމްޕިއަންސް ލީގު ހޯދީ 2015 ވަނަ އަހަރުއެވެ. އެޓީމުން ފައިނަލްގައި އެފަހަރު ޔުވެންޓަސް ބަލިކުރިއެވެ.