ކުރިއަށް އޮތް ސައުދީ އަރަބިޔާގައި އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފަޔާސްއަށް ރާއްޖޭގެ ޒުވާން ޓީމު ތައްޔާރުވަމުންދާ އިރު، މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި ފިލިޕީންސްގެ ޓޮޕް ޑިވިޝަން ޓީމެއް ކަމަށްވާ މެންޑިއޯލާ އެފްސީ ބަލިކޮށްފިއެވެ.

ފިލިޕީންސްގައި ކޭމްޕް ޖަހައިގެން ފަރިތަކުރަމުންދާ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސްގެ ވަރުގަދަ ސްޓެލިއޯން ލުގާނާ އެފްސީއާ 1-1އިން އެއްވަރުކޮށްފައެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ. އެފްއޭއެމް

މިއަދު ކުޅުނު މެޗު ރާއްޖެއިން 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗުގައި ރާއްޖޭގެ ގޯލްތައް ޖަހައިދިނީ ހަސަން ރާއިފް (ހަންނަ)އާއި ހަސަން ނަޒީމް ގާސިމް (ޗޯޓު)އެވެ. ހަންނަ ޖެހި ގޯލަކީ ރާއްޖެއަށް ލިބުނު ޕެނެލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެންޑިއޯލާއަކީ މިދިޔަ ސީޒަންގައި ފިލިޕީންސް ލީގުގެ ތިންވަނަ ހޯދި ޓީމެވެ. އަދި 2014 ވަނަ އަހަރު އެޓީމުން ވަނީ އެޓީމުގެ ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އެޓީމުގެ ލީގު ފެށުމަށް ތައްޔާރުވަމުންދާ އިރު، މެންޑިއޯލާއިން ދަނީ ކުރިއަށް އޮތް ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މީގެ ކުރިން ގައުމީ ކޯޗު، ޕީޓާ ސެގަޓްވެސް ބުނި ގޮތުން ޒުވާން ޓީމަށް އިރުޝާދު ދިނުމުގައި އިސްކޮށް ފާހަގަކޮށްލެވުނީ އަހުމަދު ޝާކިރު (ޝާކިއްޓޭ)އެވެ. މެލޭޝިއާގައި އޮންނަ ކޮންފަރެންސެއްގައި ބައިވެރިވުމަށް ސެގަޓް މެލޭޝިއާގައި ހުރި އިރު، މިއަދުގެ މެޗުގައިވެސް ޓީމަށް އިރުޝާދު ދީފައި ވަނީ ކޯޗު ޝާކިއްޓޭއެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ. އެފްއޭއެމް

މެޗަށް ނެރުނު ރާއްޖޭގެ ޓީމުގެ ފުރަތަމަ 11:

ހުސައިން ޝަރީފް (ގކ) ، އައްޒާމް އަބްދުﷲ، މުހައްމަދު ސާދު ނިޒާރު، އަލީ ޝަމާލް އަބްދުﷲ ، އިބްރާހިމް އައިސަމް، މުހައްމަދު ރިހާމް، ހައިޝަމް ހަސަން ، ހަސަން ރާއިފް އަހްމަދު، މުހައްމަދު ޖައިލަމް ، އަބްދުﷲ ޔާމީން.