މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އުންމީދީ މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖޭނޭ)ވެސް ކްލަބުގައި އިތުރު ތިން އަހަރު މަޑުކުރަން އެއްބަސްވެއްޖެއެވެ.

މާޒިޔާއިން ފުރަތަމަ ޑިވިޝަނަށް މިދިޔަ އަހަރު ވިދާލި ޖޭނޭއަކީ މާޒިޔާ 21 އަހަރުން ދަށުގެ ޓީމުންނެވެ. 2018 ވަނަ އަހަރުގެ މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ޖޭނޭ ހިމެނުނު އިރު، އޭނާ ވަނީ މިދިޔަ ސީޒަންގައި މާޒިޔާގެ ސީނިއާ ޓީމަށްވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ޖޭނޭވެސް މާޒިޔާގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފައިވާ އިރު، މިދިޔަ ސީޒަނުގައި އެޓީމުގައި މުހިއްމު ރޯލެއް ކުޅުނު މޫސާ ޔާމީން (ޔާމްބެ)އާއި ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިޜޭ)ގެ އިތުރުން ހަސަން ޝިފާޒް (ޑުންގާ)ވެސް ވަނީ ކްލަބުގައި މަޑުކުރަން ނިންމާފައެވެ. އޭގެ އިތުރުން މާޒިޔާ ފާހަގަކޮށްލެވެނީ މި ޓްރާންސްފާ ސީޒަންގައި އެންމެ ބޮޑެތި ޓްރާންސްފާތައް ކޮށް، ޓީމު ވަރުގަދަކުރާ ކްލަބުގެ ގޮތުގައެވެ.

ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ފޯވަޑް، ހަމްޒާ މުހައްމަދު (ހަމްޕް)ވެސް އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައިވެއެވެ.

އޭގެ އިތުރުން ތަޖުރިބާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އާއި ޓީސީއަށް މިދިޔަ ސީޒަންގައި ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ވަނީ މާޒިޔާ ގުޅިފައެވެ.