ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ޕިއޭ އެމްރިކް އަބަމަޔާންގެ މޮޅު ކުޅުމާއެކު އާސެނަލްއިން ނަތީޖާ އަނބުރާލާ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރެނެސްއާ ދެކޮޅަށް އާސެނަލްއިން ކުޅުނު މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި ކުޅުނު މެޗުން އާސެނަލް 3-1އިން ބަލިވެފައި އޮތް ނަމަވެސް، ރޭގެ ނަތީޖާއާއެކު އެޓީމުން ވަނީ އެގްރިގޭޓް 4-3އަކަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

ރޭގެ މެޗު ވަރުގަދަކޮށް ފަށާ، އާސެނަލްއިން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑުވެސް ނަގާފައެވެ. ފަސްވަނަ މިނެޓުގައި ރަމްސޭ ތަނަވަސްކޮށްދިން ބޯޅައަކުން ލީޑު ނަގައިދިނީ ގެބޯންގެ ފޯވަޑް އަބަމަޔާންގެވެ. ގޯލާއެކު އާސެނަލަށް އުންމީދު އާވިއިރު، އެޓީމުން ވަނީ ހާފް ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހާ، އެގްރިގޭޓް ނަތީޖާއިން، އަވޭ ގޯލްގެ ފައިދާ ހޯދާފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އަބަމާންގް ތަނަވަސްކޮށްދިން ބޯޅައިން، އެޓީމަށް ލީޑު ފުޅާކޮށްދިނީ، މައިޓްލޭންޑް- ނައިލްސްއެވެ.

ދެވަނަ ހާފަށްވެސް ނުކުމެ، މޮޅަށް ކުޅުނު އާސެނަލްއިން ވަނީ އަބަމަޔާންގެ އިތުރު ގޯލަކާއެކު މެޗުގެ ނަތީޖާ ޔަގީން ކޮށްފައެވެ.

މިދިޔަ އަހަރުގެ ޔޫރޮޕާ ލީގު ކުއާޓާއަށްވެސް އާސެނަލް ދަތުރުކޮށްފައިވާ އިރު، އެޓީމު ސެމީން ކެޓީ 2-1ގެ އެގްރިގޭޓް ނަތީޖާއަކުން އެތުލެޓިކޯ އަތުން ބަލިވެގެންނެވެ.