ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައިވެސް، ޑައިނަމޯ ކިއޭވްގެ މައްޗަށް ބޮޑު މޮޅެއް ހޯދާ، ޗެލްސީން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީން ކޮށްފިއެވެ.

ޑައިނަމޯ ކިއޭވްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޗެލްސީން މޮޅުވީ 5-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް، އަމިއްލަ ދަނޑުގައި ޗެލްސީން 3-0ގެ ލީޑެއް ނަގައިފައި އޮތް އިރު، އެގްރިގޭޓުން ޗެލްސީ ކުރިހޯދަނީ 8-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުވެސް ޗެލްސީން ފެށީ ކުރީ މެޗާ އެއްގޮތަކަށެވެ. ރަނގަޅު ޕާސްތަކާއެކު ރީތި ފުޓުބޯޅައެއް ޗެލްސީން ކުޅުނު އިރު، ކިއޭވްއަށް މުޅި މެޗުގައިވެސް ޗެލްސީއަށް ނުރައްކާ ކުރެވުނީ މަދު ފަހަރަކުއެވެ. މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން ތިން ގޯލް ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލް ޖެހީ އޮލިވިއާ ޖިރޫއެވެ.

ތިންވަަނަ ގޯލް ހަޑްސަން އޮޑޯއީގެ ބޯޅައަކުން ކާމިޔާބުކޮށްދިނީ އެލޯންސޯއެވެ.

ދެވަނަ ހާފްގައިވެސް ޗެލްސީން ނުކުމެ، ވަރުގައަށް އެޓޭކް ކުރި އިރު، މެޗުގެ 58 ވަނަ މިނެޓުގައި ވިލިއަން ނަގައިދިން ހިލޭ ޖެހުން ގޯލަށް ވައްދާލީ ޖިރޫ ބޮލުން ޖަހައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ހަޑަސަން އޮޑޯއީގެ ހުނަރުވެރިކަމާއެކު ޗެލްސީގެ ފަސްވަނަ ގޯލެއްވެސް އޭނާ ޖެހިއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން މިއަދު އޮންނާނެއެވެ.