ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް މިއަދު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މުޅި ނިއު ޒީލެންޑް އޮތީ ސިހުމެއްގައެވެ.

ހުކުރު ނަމާދަށް އެތަކެއް މުސްލިމުންނެއް ޖަމާވި މިސްކިތަށް އަމާޒުކޮށް، ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ދީފައިވާ އިރު، އެ ހަމަލާގައި 49 މީހަކު މަރުވިކަން ވަނީ މިހާރުވެސް ޔަގީންވެފައެވެ. އެތައް މުސްލިމުންނެއްގެ ލޭ މިސްކިތުގެ ތެރެއަށް އޮހޮރިގެން ދިޔަ އިރު، އެ ހަމަލާގެ ބިރުވެރިކަން ފެނުނު އެއް ބަޔަކީ ބަންގްލަދޭޝްގެ ކްރިކެޓް ޓީމެވެ.

ހަމަލާދިން މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް ކަމަށްވާ، ޑީން އަވެނިއު މިސްކިތަށް ބަންގްލަދޭޝް ޓީމު ހުކުރަށް ދިޔަ އިރު، އެ ގައުމުގައި ބަންގްލަދޭޝް ޓީމު ތިބީ ނިއުޒީލެންޑާއެކު ޓެސްޓް ސީރީސް މެޗެއް ކުޅުމަށް ގޮހެވެ. ހާގްލޭ އޯވަލް ކްރިކެޓް ގްރައުންޑް ކައިރީގައި ހުންނަ މިސްކިތަށް ބަންގްލަދޭޝް ޓީމުން ހުކުރަށް ދިޔައީ ބަހުގައެވެ.

ހަމަލާ ދިން ވަގުތަކީ ހުކުރަށް ތައްޔާރުވަމުން ދިޔަ ވަގުތު ކަމަށްވާ އިރު، އޭރު ޓީމު ތިބީ ބަހުގައެވެ. ހަމަލާ ދިނުމުން ޓީމުގެ ކުޅުންތެރިން ބަހުން ނުފައިބާ ތިބުމަށްފަހު، ފަހުން އެތަނުގެ ކައިރީގައިވާ ޕާކަކަށްގޮސް ކުޅުންތެރިން ވަނީ ފިލާފައެވެ. ބަންގްލަދޭޝް ޓީމާއެކު ދަތުރުކުރި އީއެސްޕީއެންގެ ކަރެސްޕޮންޑަންޓް މުހައްމަދު އިސާމް ބުނެފައި ވަނީ ބަންގްލަދޭޝް ޓީމުން ބަހުން ފޭބީ ބަޑި ޖަހަން ފެށިތާ 10 މިނެޓް ފަހުން ކަމަށާއި، ކައިރީގައި އޮތް ކްރިކެޓް ގްރައުންޑް ޕާކަށް ގޮސް ސަލާމަތްވި ކަމަށެވެ.

https://twitter.com/mushfiqur15/status/1106380873551626241

އެކަމާ ގުޅިގެން ވިކެޓް ކީޕަރު މުޝްފިގުރް ރަހީމް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ނުރައްކާތެރި ހަމަލާއިން ސަލާމަތްވި ކަމަށްޓަކައި ﷲއަށް ހަމްދުކުރާ ކަމަށާއި، އެފަދަ ކަމެއް އަލުން ދެކެން ބޭނުން ނުވާ ކަމަށެވެ.

އެ ސަރަހައްދަކީ ދިވެހީންވެސް ގިނައިން ދިރިއުޅޭ ސަރަހަށްދެއް ނަމަވެސް، އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ޔަގީން ކޮށްދީފައެވެ. ނިއުޒީލެންޑާ ދެކޮޅަށް ބަންގްލަދޭޝް ޓީމުން ކުޅެން އޮތް މެޗު ވަނީ ކެންސަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިމީހާ

    ????
    މަރުވި އެންމެހާ ފުރާނަތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން

    80
    2
  2. ހަސަން

    ހަމަލާ ކުއްވެރިކުރަން ސަހީދުވި އެންމެންނަށް ސުވަރުގެ މިންވަރު ކުރައްވަސި އާމީން. އެއްވެސް ދިވެއްސެއް ހުކުރައް ދިޔަބާ

    18
    1
  3. ދިވެހި

    ޙަމަލާ ދިނީ މިސްކިތްތަކުގައި ތިބި މީހުންނަށް. ދިވެއްސަކު މި ޙަމަލާގައި މަރުވާނީ ދިވެއްސަކު މިސްކިތައް ދިޔަ ނަމަތާ.... ބޭރުގައުމުތަކުގައި ވަޒަންވެރިވާ ދިވެހިން ނުދާނެ މިސްކިތަކަށް އެވަރިހަމަ ހުކުރަކަސް....

    31
    4