ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހުނު އިރު، މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ވާދަކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސްވިޒަލޭންޑްގެ ނިއޯންގައެވެ. ގުރުއަތު ނަގާދީފައި ވަނީ 2010 ވަނަ އަހަރު އިންޓަ މިލާނާއެކު ޗެމްޕިއަންސް ލީގު ހޯދި ބްރެޒިލްގެ ގޯލްކީޕަރު، އަދި މިއަހަރުގެ ފައިނަލްގެ އެމްބެސެޑާރ ހޫލިއޯ ސެޒާއެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި އަޔެކްސްއިން ވަރުގަދަ ޔުވެންޓަސްއާ ދެކޮޅަށް ނުކުންނަ އިރު، ފަސް ފަހަރު ޗެމްޕިއަންސް، އަދި މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލުން ނުކުންނާނީ އެފްސީ ޕޯޓޯއާ ދެކޮޅަށެވެ. އިނގިރޭސި ދެޓީމު ކަމަށްވާ ޓޮޓެންހަންއާއި ސިޓީ ކުރިމަތިލާން ޖެހޭ އިރު، ސިޓީ މިދިޔަ އަހަރުގެ ސެމީން ކެޓީ އިނގިރޭސި ކްލަބެއް ކަމަށްވާ ލިވަޕޫލް އަތުން ބަލިވެގެންނެވެ.

އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފާހަގަކޮށްލެވިފައި ވަނީ ތިން ފަހަރުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ފަސް ފަހަރުގެ ޗެމްޕިއަންސް ބާސެލޯނާ ވާދަކުރާ މެޗެވެ. ޔޫރަޕްގެ ގަދަ ދެ ބާރުގެ ގޮތުގައި ބާސާއާއި ޔުނައިޓެޑް ފާހަގަކޮށްލެވޭ އިރު، މި ދެޓީމު އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅެފައި ވަނީ 2011 ވަނަ އަހަރު ފައިނަލްގައެވެ.

އެ ފައިނަލްގައި ބާސާއިން 3-1ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިކުރި އިރު، އޭގެ ކުރިން 2009 ވަނަ އަހަރުވެސް ބާސާއިން ވަނީ ޔުނައިޓެޑް ބަލިކޮށްފައެވެ. ޔުނައިޓެޑްން ޗެމްޕިއަންސް ލީގުގައި އެންމެފަހުން ބާސާ ބަލިކޮށްފައި ވަނީ 2008 ވަނަ އަހަރުގައެވެ.