އިއްޔެއަކީ މުޅި އިސްލާމީ ދުނިޔެއަށްވެސް ކަޅު ދުވަހެކެވެ. ހުކުރު ނަމާދަށް ތައްޔާރުވަމުންދިޔަ ނިއުޒީލެންޑް ދެ މިސްކިތަކަށް ނިރުބަވެރި ހަމަލާއެއް ދީ، އެތައް ބަޔަކު މިސްކިތުގެ ތެރޭގައި ޝަހީދުވެ ދިޔައެވެ. ނަމާދުގެ މަތިވެރި އަޅުކަމައިގެން އުޅުނު ބައެއް މީހުންވެސް ޝަހީދުވެފައިވާ އިރު، އެ ހާދިސާގައި 49 މުސްލިމުން ވަނީ ޝަހީދުވެފައެވެ.

އެތައް ބަޔަކަށް އަނިޔާވެފައިވާ އިރު، މުޅި ދުނިޔެވެސް ދަނީ ނިރުބަވެރި ހަމަލާ ކުށްވެރިކުރަމުންނެވެ. ހަމަލާ ދިނުމުގައި އިސްރޯލެއް އަދާކޮށް، ލާއިންސާނިއްޔަތާއެކު މިސްކިތްތެރެއަށް ބަޑި ޖަހަމުން ވަން އޮސްޓްރޭލިއާގެ މީހާގެ މައްޗަށް ދައުވާވެސް ކޮށްފައިވާ އިރު، ނިއުޒީލެންޑް ބޮޑު ވަޒީރު ޖަސިންދާ އާދާން ވިދާޅުވީ، ޝަހީދުވެ ދިޔައީ އެގައުމުގެ ލޭ ހިނގާ ރައްޔިތުން ކަމަށާއި، ނިރުބަވެރިންނަށް ގައުމުން ޖާގަ ނުދެއްވާނެ ކަމަށެވެ.

ހިތާމަވެރި ހާދިސާއާ ގުޅިގެން ބައެއް މުސްލިމް އެތުލީޓުންވެސް އަޑު އުފުލާފައިވާ އިރު، އޭގެ ތެރޭގައި ދުވުންތެރިޔާ މޯ ފަރާއާއި ލިވަޕޫލްގ މިސްރު ފޯވަޑް މުހައްމަދު ސަލާހްވެސް ހިމެނެއެވެ.

ސަލާހް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ނިއުޒީލެންޑްގައި ހިނގާދިޔަ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ އަޑުއެހީ ފުން ހިތާމައާ އެކުގައި ކަމަށާއި، އެ ކަމަކީ ސީދާ ޝައިތާނީ އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އާއިލާތަކަށް ތައުޒިޔާވެސް ސަލާހް ވަނީ ފޮނުވާފައެވެ.

ނިއުޒީލެންޑްގެ ހާދިސާއާއެކު މުޅި އިސްލާމީ ދުނިޔެ، އެކަތިގަނޑަކަށްވެފައިވާ އިރު، އެގައުމާއެކު ތިބިކަން މުސްލިމް ދުނިޔެއިން ދަނީ ދައްކަމުންނެވެ.