ޒައިނުއްދީން ޒިދާން އެނބުރި އައިސް، ރެއާލް މެޑްރިޑާ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗުގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅެ މޮޅުވެއްޖެއެވެ.

މިރޭ އަމިއްލަ ދަނޑުގައި ރެއާލްއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މި ސީޒަންގެ ކުރިން ޒިދާން ރެއާލް ދޫކޮށްލީ، އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގުވެސް ނަގައިދިނުމަށްފަހު ޒިދާން ކްލަބު ދޫކޮށްލި އިރު، އެ ޓީމާ ފުރަތަމަ ހަވާލުވީ ހުލެން ލޮޕެޓީގެވެ. ފަސް މަސްވެސް ނުވަނީސް އޭނާ މަގާމުން ބޭރުކޮށްލި އިރު، ސޮލާރީ މަގާމައަށް އައީ ރިޒާވް ޓީމުގައި ހުރުމަށްފަހުއެވެ.

ރެއާލް މެޑްރިޑަށް އުނދަގޫ ސީޒަނަކާ ކުރިމަތިލާ ޖެހިފައިވާ އިރު، އެޓީމަށް ސީޒަން ހުސްއަތާ ނިންމާލަން ޖެހުން ގާތެވެ. ލީގުގެވެސް އުންމީދު ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގުން ކެޓީ ހިތްދަތިކޮށެވެ. އެކަންކަން އަނބުރާލާ، އަނެއްކާވެސް ރެއާލް ހަމަ މަގަށް އެޅުވުމަށް، ރައީސް ޕެރޭޒް ގެނައީ އަނެއްކާވެސް ޒިދާނެވެ.

މިރޭގެ މެޗަށް ނުކުތް ފުރަތަމަ 11އަށް ޒިދާން ވަނީ ކުރީ މެޗުތަކާ ބަލާއިރު، ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ގޯލްކީޕަރު ކޯޝުއާގެ ބަދަލުގައި ކުރިން ޒިދާން ހުރި އިރު، ޓީމުގެ ގޯލް ބެލެހެއްޓި ކޭލޯ ނަވާސް ނެރެފައިވާ އިރު، ސޮލާރީގެ އިރުޝާދުގެ ދަށުން ފުރަތަމަ 11އިން ބޭރުކޮށްފައިވާ އިސްކޯއާއި މާސެލޯގެ އިތުރުން އަސެންސިއޯވެސް ވަނީ މިރޭގެ ފުރަތަމަ 11ގައި ކުޅެފައެވެ.

ބޭލްވެސް މިރޭގެ މެޗުގައި ތަފާތު މޮޅުކޮށް ފެނުނު އިރު، ފުރަތަމަ ގޯލް ޖެހީ ދެވަނަ ހާފްގައި އިސްކޯއެވެ. ބެންޒެމާގެ ހުރަސް، އޭނާ ގޯލަށް ވައްދާލި އިރު، އިރުކޮޅެއްފަހުން މާސެލޯގެ ޕާސް ގޯލަށް ވައްދާލައިގެން ރެއާލްއަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ބޭލްއެވެ.

މެޗުން މޮޅުވެ ރެއާލް އޮތީ ތާވަލު ތިންވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ މެޗެއް އިތުރަށް ރެއާލްއިން ކުޅެފައިވާ އިރު، ބާސާ އޮތީ ރެއާލްއަށްވުރެ ނުވަ ޕޮއިންޓް ލީޑެއްގައެވެ.