ރާއްޖޭގައި މިހާތަނަށް އެޅިގެންދިޔަ އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު، މިއަދު ބ.އޭދަފުށީގައި ހުޅުވައިފިއެވެ.

ފުޓުބޯޅައިގައި އެންމެ ނަން ވިދާލާ އޭދަފުށީގައި މިއަދު ހުޅުވި ދަނޑަކީ އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރުގެ ހަރަދުގައި އަޅުއްވައިދެއްވި ދަނޑެކެވެ. ދަނޑާއެކު މުޅި އޭދަފުށީ ފުޓުބޯޅައަށްވެސް ދިރުން ގެނެސްދިން އިރު، ދަނޑު ވެގެންދާނީ ރަށުން އިތުރު ހުނަވެރި ކުޅުންތެރިންތަކެއް ގަލޮޅު ދަނޑާ ހަމައަށް ގެނެސްދޭނެ ހެޔޮ ފާލަކަށެވެ.

ނަޒީރު ވިދާޅުވެފައި ވަނީ ދަނޑަކީ އެތައް ބައެއްގެ އެހީތެރިކަން ލިބިގެން ކުރި ކަމެއް ކަމަށާއި، ފެންވަރު ރަނގަޅު ދަނޑެއް އޭދަފުށީގަައި އޮންނަން ޖެހޭ ކަމަށެވެ.

މިއަދު ދަނޑު ހުޅުވުމުގެ ގޮތުން، އެފްއޭއެމްގެ ޓީމަކާއި އޭދަފުށީ ކްލަބާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅުނެވެ. އެފްއޭއެމްގެ ޓީމުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް، ހާއްސަކޮށް ގައުމީ ފުޓުބޯޅައިގެ ލެޖެންޑުން ފާހަގަކޮށްލެވުނެވެ. އަލީ އަޝްފާގު (ދަގަނޑޭ)، އެފްއޭއެމްގެ ޓީމުގެ ކެޕްޓަންކަން ކުރި އިރު، އޭދަފުށީ ޓީމުގެ ކެޕްޓަންކަން ކުރީ ރަށަށް އުފަން، ދިވެހި ފުޓުބޯޅައިގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު (ސެންޓޭ)އެވެ.

ވަރުގަދަ އަށް ލެވެލްކޮށް ފީފާ އިން ބަލާ މިންގަނޑަށް ފެެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފު އަޅާފައިވާ ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު މެޗުން އޭދަފުށީ ޓީމުގެ މައްޗަށް އެފްއޭއެމް ޓީމުން ކުރިހޯދީ 6-2 އިންނެވެ.

އެފްއޭމްޓީމަށް މިއަދުގެ ޝަރަފުވެރި މެހެމާން، އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު ކުޅުެއްވި އިރު، އަލީ ވަހީދު ވިދާޅުވީ އޭދަފުއްޓަކީ ދިވެހި ފުޓުބޯޅައިގެ ބްރެޒިލް ކަމަށެވެ.

"އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތްކަމެއް އޭދަފުށީގެ ބޭފުޅެއް ނަޒީރު މިކަން ކޮށްދެއްވީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އޭދަފުށްޓަކީ ފުޓްބޯޅައިގައި ދެގޮތެއްނުވާ ބްރެޒިލް. މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލައި ގުޅޭނެ ދަނޑެއް. މި ދަނޑުން ގިނަ ކުޅުންތެރިންތަކެއް މުސްތަގުބަލުގައި އުފެދިގެން ރާއްޖޭގެ މަތީ ފަންތީގައި ކުޅޭނެ. އުއްމީދަކީ މިއީ މުޅި ރާއްޖެއިން މިސާލުނަގާނެ ދަނޑެއް ކަމުގައިވުން،" އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބްރެޒިލް

    ރާއްޖޭގެ ފުޓްބޯޅައިގެ ބްރެޒިލް އަކީ މަހިބަދޫ!!

    9
    13
    • އައްޑޫ

      ޖޭ ވިޔަސް ބޮޑުވަރުތީ ކަލޯ!!

      11
      2