ރޭ އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މުބާރާތުން ކެޓުމަކީ ޔުނައިޓެޑުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ކޯޗު އޮލިގުނަ ސޮލްސްޖާ ބުނެފިއެވެ.

ސީޒަން ފެށިއިރު، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ ހުރި ހޯޒޭ މޮރީނިއޯ އެ މަގާމުން ވަކި ކުރުމަށްފަހު، ޓީމު ހަވާލުކޮށްފައި ވަނީ ވަގުތީ ކޯޗު އޮލި ގުނަ ސޮލްސްޖާއާއެވެ. ސޮލްސްޖާއަކީ ކުރިން ކްލަބަށް ކުޅުނު ލެޖެންޑަކަށްވީ އިރު، އޭނާ ހަވާލުވިފަހުން ޔުނައިޓެޑުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސޮލްސްޖާ ހަވާލުވިފަހުން ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 2-0ގެ ނަތީޖާއަކުން ބަލިވެފައި އޮތް ނަމަވެސް، ދެވަނަ ލެގުގައި އެ ނަތީޖާވެސް އަނބުރާލިއެވެ. ރަނގަޅު ފޯމެއްގައި އޮވެ ރޭގެ މެޗަށް ޔުނައިޓެޑް ނުކުތް ނަމަވެސް، ވުލްވްސް އަތުން 2-1ގެ ނަތީޖާއަކުން ބަލިވެ ކެޓީއެވެ.

"މެޗު މާ ލަސްކޮށް ފެށުމުން އަމިއްލަ ކޮންޓްރޯލް ގެއްލުނު. މުޅިންވެސް ކުޅެން ޖެހުނީ ވުލްވްސްގެ ޓެމްޕޯގައި. ކުރިއަށް ޖެހިގެން ކުޅުނު އިރު، ފައިނަލް ތާޑުގެ ބޯޅަތައް ފެނުނީ ދަށްކޮށް. ރޭގެ ކުޅުމުގެ ކޮލިޓީއާ، ޕާސް ޖެހުންތަކަށް ބަލާ މެޗު ފެނުނީ ދަށްކޮށް. މިއީ ޔުނައިޓެޑުން ފަހަތަށް އެޅި ފިޔަވަޅެއް،" ސޮލްސްޖާ ބުންޏެވެ.

ރޭގެ މެޗުން މޮޅުވެ، ވުލްވްސް ސެމީ ފައިނަލަށް ގޮސްފައިވާ އިރު، އެއީ 1998 ވަނަ އަހަރަށްފަހު އެޓީމުން އެފްއޭ ކަޕްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.