ވޮލީ ކޯޗިންގ ޓްރެއިނިން އަކަށް ދިވެހި ކޯޗް އިސްމާއިލް ރިފާއު މިއަދު ހަންގޭރީއަށް ފުރައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކޯހަކީ ޖެނެރަލްކޮށް ވޮލީބޯޅައާއި ގުޅޭ ހުރިހާ އެއްޗެއް ދަސްކޮށްދޭނެ ކޯހެއް ކަމަށާއި ކޯހަށްފަހު އެނބުރި އައިސް ރިފާއުގެ އެހީގައި ދިވެހިރާއްޖޭގެ ވޮލީގެ ޑިވެލޮޕްމަންޓަށް ބޮޑެތި މަސައްކަތްތަކެއް ކުރިޔަށް ގެންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ކޯހަކީ ގާތްގަނޑަކަށް ތިން މަސްދުވަހަށް ކުރިޔަށްގެންދާ ކޯހެއްކަމަށާއި މިކޯހުގައި ކިޔަވައިދޭނީ ވޮލީއަށް މޮޅު ތަޖުރިބާ ހުރި ބޭފުޅުން ކަމަށެވެ.

މި ކޯހަކީ ކޮންމެ އަހަރަކުވެސް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ފަރާތުން ވޮލީ ބޯޅަ އެސޯސިއޭޝަނަށް ދެއްވާ ކޯހެއްކަން ފާހަގަ ކުރައްވަމުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ މިދިޔަ އަހަރުވެސް އޮލިމްޕިކްސް ކޮމިޓީގެ އެހީއާއެކު އެބޭފުޅާ އެ ކޯސް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

"ކޮންމެ އަހަރަކުވެސް ދިވެހި ވޮލީ ކޯޗުންގެ ތެރެއިން ހޮވާލެވޭ ފަރާތެއްގެ ނަން އޮލިމްޕިކް ކޮމިޓީއަށް ހުށައަޅައިގެން ބޭފުޅަކު ފޮނުވަނީ" އަދީލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މި ކޯސްތަކުގެ ސަބަބުން ދިވެހި ވޮލީއަށް އެދެވޭ ކުރިއެރުން އަންނަ ކަމަށާއި މި ފުރުސަތު އެބޭފުޅުންނަށް ތަނަވަސް ކޮއްދެއްވީތީ މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއަށް ޝުކުރު އަދާކުރާ ކަމަށްވެސް އަދީލް ވިދާޅުވިއެވެ.