ޑުބާއީގައި ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ 200 މީޓަރު ދުވުމުން، ވަސްމީ ވަހީދު ރާއްޖެއަށް ރިހި މެޑަލް ހޯދައިދީއެވެ.

ފިރިހެނުންގެ ދުވުމުގެ ފައިނަލްގެ ހަތަރުވަނަ ހީޓުގައި ވާދަކޮށް، ވަސްމީ ރިހިމެޑަލް ހޯދީ، 200 މީޓަރު ދުވުން 27.25 ސިކުންތުން ނިންމައިގެންނެވެ. އިވެންޓްގެ ރަން މެޑަލް ހޯދާފައި ވަނީ ކޭޕް ވޭޑޭގެ އެންޓިއޯ މޮރޭރާ ޑޮސް ސަންޓޯސްއެވެ. އޭނާ ރޭސް ފުރިހަމަ ކުރީ 26.31 ސިކުންތުންނެވެ.

އިވެންޓްގެ ލޯ މެޑަލް ހޯދީ ނިގާގެ ޔަމްބޯނީ ޔަމްޕަގޫ މޯމްބާއެވެ.

މިއީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7،500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. މިފަހަރުގެ އިވެންޓްތަކުގައި ރާއްޖޭގެ ހަތަރު އެތުލީޓުން ވާދަކުރާނެއެވެ.

މި ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ އެތުލެޓިކްސްގެ އިތުރަށް ލޯންގް ޖަމްޕްގައެވެ. އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރަނީ 50 މީޓަރާއި 100 މީޓަރުގެ އިތުރަށް 200 މީޓަރު ދުވުމުގައެވެ. ލޯންގް ޖަމްޕުގައި ރާއްޖެއިން ވާދަކުރަނީ ސްޓޭންޑިން ލޯންގް ޖަމްޕްގައެވެ.