މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުމުންދާ ވަރުގަދަ ދެ ޑިފެންޑަރުން ކަމަށްވާ އަމްދާން އަލީއާއި ސަމޫހު އަލީ (ސަމުއްޓެ)ވެސް ކްލަބުގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފިއެވެ.

ދެ ކުޅުންތެރިންވެސް ކުރިއަށް އޮތް ތިން އަހަރަށް ކޮންޓްރެކްޓް އާކުރި އިރު، ސަމުއްޓެއަކީ ގައުމީ ޓީމުގައިވެސް މިވަގުތު ހުރި އެންމެ ވަރުގަދަ ޑިފެންޑަރެވެ. މަހިބަދޫ ސްޕޯޓްސް ކްލަބުން ގަލޮޅު ދަނޑަށް ތައާރަފް ވެގެން އައި، ސަމުއްޓެ މާޒިޔާއާ ގުޅުނީ 2016 ވަނަ އަހަރުއެވެ.

މާޒިޔާގައި މޮޅު ކުޅުމެއް ދައްކާ ގައުމީ ޓީމުންވެސް ޖާގަ ހޯދި އިރު، އޭނާއަކީ އެންމެ ގިނަބަޔަކު އިތުބާރު ކުރާ ޑިފެންޑަރެވެ. ގައުމީ ޓީމުން 10 އަހަރަށްފަހު މިދިޔަ އަހަރު ކާމިޔާބުކުރި ސާފް ޗެމްޕިއަންޝިޕްގައިވެސް، ޓީމުގެ ދިފާއުގެ އެންމެ މުހިއްމު ކުޅުންތެރިޔަކަށްވީ ސަމުއްޓެއެވެ.

ޔޫތު ކެރިއަރުން ފެށިގެންވެސް މާޒިޔާގައި ވިދުން ގަދަވި، އެންޑީއަކީ ގައުމީ ޓީމަށްވެސް މުހިއްމު ކުޅުމެއް ކުޅެމުން އައި ކުޅުންތެރިޔެކެވެ. 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި އެންޑީ ފުރަތަމަ ގައުމީ ޓީމަށް ކުޅުނު ފަހުން، ޓީމުން ކުޅުނު ހުރިހާ މެޗެއްގައި ކަހަަލަ ގޮތަކަށް އޭނާއަކީ ފުރަތަމަ 11އިން ޖާގަ ހޯދަމުންނެވެ.

އެހެން ނަމަވެސް، 2017 ވަނަ އަހަރު އޭނާ ކަކުލަށް ލިބުނު އަނިޔާއާއެކު މިދިޔަ ސީޒަންގެވެސް ބޮޑުބައެއް ގެއްލިފައިވާ އިރު، ސާޖަރީއަށްފަހު ރިކަވާވެ ސީޒަންގެ ފަހުބައިގައި ވަނީ ކުޅެފައެވެ. ބައެއް މެޗުތަކުގައި ފުލްކޮށްވެސް އެންޑީ ކުޅުނު އިރު، އޭނާއަކީ އަންނަ ސީޒަނަށް މުހިއްމުވާނެ ކުޅުންތެރިޔެކެވެ.

މާޒިޔާއިން އަންނަ ސީޒަނަށް ތައްޔާރުވުމަށް ގިނަ ޓްރާންސްފާތަކެއް ވަނީ ހަދާފައެވެ. އެގޮތުން ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ފޯވަޑް، ހަމްޒާ މުހައްމަދު (ހަމްޕް)ވެސް އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައިވެއެވެ. އޭގެ އިތުރުން ތަޖުރިބާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އާއި ޓީސީއަށް މިދިޔަ ސީޒަންގައި ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ވަނީ މާޒިޔާއާ ގުޅިފައެވެ.