ދުނިޔޭ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބާސެލޯނާގެ ތަރި، ލިއޮނަލް މެސީގެ ހިތްގައުމު ހެޓްރިކާއެކު އެޓީމުން ރެއާލް ބެޓިސް ބަލިކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި މެސީގެ ތަފާތު މޮޅު ހެޓްރިކެއް ފެނިގެންދިޔަ އިރު، މެޗު ނިމުނީ 4-1ގެ ނަތީޖާއަކުންނެވެ. މެސީ ހެޓްރިކް ފުރިހަމަ ކުރުމާއެކު ރެއާލް ބެޓިސްގެ ސަޕޯޓަރުންވެސް ވަނީ ކޮޅަށް ތެދުވެ، މެސީއަށް ތައުރީފް ކޮށްފައެވެ.

ރޭގެ މެޗަށް ބާސާ ނުކުތީ ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުވެސް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައެވެ. ހާއްސަކޮށް އެ ރޭގެ މެޗުގައި މެސީ ވަނީ ދެ ގޯލް ޖަހާ ދެ އެސިސްޓް ވެސް ހަދާފައެވެ.

ރޭގެ މެޗުވެސް ފެށިގެން 17 މިނެޓް ހިނގިތަނާ މެސީގެ ޖާދޫ ދައްކާލިއެވެ. ރެއާލް ބެޓިސް އޭރިއާގެ ހަތްވަރަކަށް ފޫޓު ބޭރުން ލިބުނު ހިލޭ ޖެހުން، މެސީ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެެ. ބާސާއިން ލީޑު ނެގިއެވެ. ބެޓިސްއަށް ފުރަތަމަ ހާފްގައި މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު ނަމަވެސް، ބާސާ ގޯލްކީޕަރު ސެޓަގަން ވަނީ އެޓީމުގެ ދެ ހަމަލާއެއް މަތަކޮށްފައެވެ.

ހާފް ނިމެން ދަނިކޮށް ބާސާއިން ލީޑު ފުޅާވެސް ކުރިއެވެ. ރެއާލް ބެޓިސްގެ ޑިފެންސް ތެރެއަށް ވަދެ، ޝުއަރޭޒް ހިތްގައިމުކޮށް ދުއްވާލި ތުރޫ ބޯޅަ، އޭރިއާ ތެރެއަށްވަދެ ފަސޭހަމަކާއެކު ނިންމާލީ މެސީއެވެ. ދެވަނަ ހާފް ފެށިގެން 62 ވަނަ މިނެޓުގައި ޝުއަރޭޒް އެކަނި މާ އެކަނި ގޮސް، ތިން ޑިފެންޑަރުން ނައްޓާލުމަށްފަހު ގޯލަށް ވައްދާލި ހަމަލާއާއެކު ނަތީޖާ 3-0އަކަށް ބަދަލުކުރިއެވެ.

ބެޓިސްގެ މޮރޯން، މެޗުގެ 82 ވަނަ މިނެޓުގައި ގޯލް ޖެހި ނަމަވެސް، އެހިސާބުން މެސީގެ ޖާދޫ ނިމުނީކީ ނޫނެވެ. އޭގެ ދެމިނެޓް ފަހުން މެސީގެ ހުނަރު ދައްކާލިއެވެ. އަރިމައްޗަށް ދިން ޕާސް އަނބުރާ ޖޯޑީ އަލްބާ ދިނުމުން، އޭރިއާ އަރިމަތިން ކަހަލަ ގޮތަކަށް، ބޯޅަ ގޯލަށް އޮއްސާލައިގެން މެސީ ތަފާތު ދެއްކިއެވެ.

މި ހަފްތާގައި އެތުލެޓިކޯ މެެޑްރިޑް ކުޅުނު މެޗުން އެޓީމު ބަލިވި އިރު، ބާސާ އެއްވަނައިގައި އޮތީ 10 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.