ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް އަލުން ކުޅެން އެޓީމުގެ ކޯޗު ޕީޓާ ސެގްރެޓް ދިން ދައުވަތަށް ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު އިންކާރުކޮށްފިއެވެ.

އިމްރާން ބުނީ އޭނާ އެ ދައުވަތަށް އިންކާރުކުރީ ގައުމީ ފުޓްބޯޅައިން ރިޓަޔާ ކޮށްފައިވާތީ ކަމަށާއި އަނބުރާ ގައުމީ ޓީމާއި ގުޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 1999 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 19 އަހަރުގައެވެ. 2016 ވަނަ އަހަރު ގައުމީ ފުޓްބޯޅައިން އޭނާ ރިޓެއާ ވީ އިރު ގައުމީ ޓީމަށް ޖުމްލަ 111 މެޗް އޭނާ ކުޅެދީފައިވެއެވެ. އޭނާ ގައުމީ ޓީމަށް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި 2008 ވަނަ އަހަރުގެ ސާޕް ޗެމްޕިއަންޝިޕް ފާހަގަކޮށްލެވެއެވެ. އެމުބާރާތިގައި އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އޭގެ އިތުރުން އިމްރާން ވަނީ 2004 ވަނަ އަހަރު ސައުތު ކޮރެއާ އާއި ދެކޮޅަށް ރާއްޖޭގެ ދަނޑުގައި ގައުމީ ޓީމް ކުޅުނު މެޗުގައި އޭނާގެ ހުނަރުން އެ މެޗް އެއްވަރުކޮށްދީފައެވެ. އަދި 2014 ވަނަ އަހަރުގައި އޮތް އެފްއޭސީ ކަޕްގެ 3 ވަނަ މަގާމް ގައުމީ ފުޓްބޯޅަ ޓީމަށް ލިބުމުގައި އިމްރާންގެ ހިއްސާ ނުހަނު ބޮޑެއެވެ.

އިމްރާން އަށް ގައުމީޓީމަށް އައުމަށް ޕީޓާ ސެގްރެޓް ދައުވަތު ދިނީ އޭނާ ދިވެހި ގައުމީ ޓީމާއި ހަވާލުވެ ގައުމީ ޓީމަށް 50 ކުޅުންތެރިން ނެގުމުގެ މަސައްކަތް ފެށުމަށް ފަހުގައެވެ. އޭނާ ބުނީ އެފްއޭއެމްގެ މޮޓޯ "މުސްތަގުބަލާ ދިމާލަށް" ގައުމީ ޓީމް ވާސިލްކުރުމަށްޓަކައި ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ދޭނެ ކަމަށާއި އޭނަ އާއި އެފްއޭއެމް އިން ބޭނުންވާފަދަ ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބު ހޯދޭ ފަދަ މޮޅު ޓީމެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޕީޓާ ސެގްރެޑް ބުނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މުސްތަގުބަލު އުޖާލާކޮށް އެހެން ހަރުފަތަކަށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ގެންދިޔުމަށް އިމްރާން ފަދަ ލީޑަރުން ބޭނުންވާ ކަމަށާއި އެފަދަ ލީޑަރުން ތެދުވެ ގައުމީޓީމް އަލުން ކާމިޔާބު ހޯދާ ޓީމަކަށް ހެދުމަށްޓަކައި އޭނާއަށް އެހީތެރިވުމަށް އެދޭކަމަށެވެ.