ޑުބާއީގައި ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ ވުމަންސް 100 މީޓަރު ދުވުމުން ރާއްޖޭގެ ސިފުނާ އިބްރާހީމް ރަން މެޑަލް ހޯދައިފިއެވެ.
ސިފްނާ ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމުގެ ފައިނަލްގެ ހަވަނަ ހީޓްގައި ވާދަކޮށް، 18.01 ސިކުންތުން ރޭސް ނިންމައިގެންނެވެ. އުމުރުން 33 އަހަރު ސިފުނާ އެ އިވެންޓުން ރަން މެޑަލް ހޯދި އިރު، އިވެންޓްގެ ފަސްވަނައަށް ދިޔައީ ރާއްޖޭގެ މަރިޔަމް ނޫރާ ރަޝާދެވެ. އިވެންޓްގެ ރިހި މެޑަލް އިކުއެޓޯރިއަލް ގިނިއާގެ މާރިޔާ މަގްޑަލީނާއަށް ލިބުނު ލޯ މެޑަލް ހޯދީ ބުރުންޑީގެ ނިޝީމަގިޒްވީއެވެ.
ޑުބާއީގައި ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ 200 މީޓަރު ދުވުމުން، ވަސްމީ ވަހީދު ވަނީ އިއްޔެ ރާއްޖެއަށް ރިހި މެޑަލް ހޯދައިދީއެވެ.
މިއީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ދެވަނަ ފަހަރެވެ. ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7،500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. މިފަހަރުގެ އިވެންޓްތަކުގައި ރާއްޖޭގެ ހަތަރު އެތުލީޓުން ވާދަކުރާނެއެވެ.
މީގެ ކުރިން 2011 ވަނަ އަހަރު ރާއްޖޭގެ ހަތަރު ކުއްޖެއް ވަނީ ސްޕެޝަލް އޮލިމްޕިކްސްގައި ފުރިހަމަ ކާމިޔާބީތަކެއް ހޯދާފައެވެ. އެފަހަރު ރާއްޖެއިން ވަނީ ތިން ގޯލްޑް އަދި އެއް ސިލްވާ މެޑަލް ހޯދާފައެވެ.
މި ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ އެތުލެޓިކްސްގެ އިތުރަށް ލޯންގް ޖަމްޕްގައެވެ. އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރަނީ 50 މީޓަރާއި 100 މީޓަރުގެ އިތުރަށް 200 މީޓަރު ދުވުމުގައެވެ. ލޯންގް ޖަމްޕުގައި ރާއްޖެއިން ވާދަކުރަނީ ސްޓޭންޑިން ލޯންގް ޖަމްޕްގައެވެ.
2011 ވަނަ އަހަރު ގްރީސް ގައި އޮތް ސްޕެޝަލް އޮލިމްޕިކުން ރާއްޖެ ވަނީ 3 ގޯލްޑް 1 ސިލްވާ 1 ބްރޯންޒް ހޯދާފައެވެ.
މަރްހަބާ ދިވެހި އެތްލީޓުންނައް.