ބްރެޒިލްގެ ތާރީހީ ސްޓޭޑިއަމް، މަރަކާނާ ބެލެހެއްޓުމަށް އެގައުމުގެ ރިއޯ ސްޓޭޓްގެ ސަރުކާރަށް ނަގައިފިއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްވެސް ކުޅުނު މަރަކާނާ ސްޓޭޑިއަމް އަމިއްލަ ފަރާތެއް ކަމަށްވާ ކޮންސޯޓިއަމްއާ ހިންގަން ހަވާލުކުރީ 2013 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، ސްޓޭޑިއަމް އަމިއްލަ ފަރާތަކާ ހަވާލުކުރީ ކުރީގެ ގަވަރުނަރު ސާޖިއޯ ކަބަރަލްއެވެ.

ކުރީގެ ގަވަރުނަރު ކަބަރަލް، 12 އަހަރަށް މިހާރު ޖަލަށް ލާފައި ހުރީ ބިޑްތައް އޮޅުވާލުމާއި، ކޮންޓްރެކްތަކަށް ފައިސާ ނަގައިދިން ކޮރަޕްޝަންތައް ހިންގުމާ ގުޅިގެންނެވެ. މިހާރު ރިއޯގެ ގަވަރުނަރަކަށް ހުރި، ވިލްސަން ވިޓްޒަލް ބުނެފައި ވަނީ ކޮންސޯޓިއަމްއަށް މަރަކާނާ ހިންގަން ހަވާލުކުރުމުގައިވެސް ކޮރަޕްޝަން އެކުލެވިފައިވާ ކަމަށެވެ.

މަރަކާނާ ހިންގުން ދައުލަތަށް ނަގާފައި ވަނީ މީގެ ދެ ދުވަސްކުރިންނެވެ. އެ ސްޓޭޑިއަމް ހިންގާ ކުންފުނިން ބުނެފައި ވަނީ ރިއޯގެ ގަވަރުނަރުގެ ނިންމުމާ ގުޅިގެން ހައިރާންވާ ކަމަށެވެ. 2016 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ފަޅަށް އޮތް ސްޓޭޑިއަމްއަށް 2017 ވަނަ އަހަރު ވަގުންތަކެއް ވަދެ، އެތައް އެއްޗެއް ވަގަށް ނަގައި، ތަކެއްޗަށްވެސް ގެއްލުން ދީފައިވެއެވެ.

މަރަކަނާ ސްޓޭޑިއަމްއަކީ 1950 ވަނަަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅުނު ސްޓޭޑިއަމްއެވެ. އެ ސްޓޭޑިއަމްއަކީ 78،000 މީހުންނަށް ވަދެވޭ ސްޓޭޑިއަމްއެކެވެ.