މިއަހަރުގެ ސުޕަ ލީގު ޗެމްޕިއަންކަން ބެންގަލޫރުން ހޯދީ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި އެފްސީ ގޯއާ ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުވެސް ލީގު ބުރުގެ އެއްވަނަ ހޯދި ބެންގަލޫރު އެފްސީން ޗެމްޕިއަން ކަމަށް ފެންބޮވައިގަނެފައި ތިއްބާ ފައިނަލްގައި ބަލިވީ ޗެންނާއިއެން އެފްސީ އަތުންނެވެ. އިންޑިއާގެ ފުޓުބޯޅައަށް އޭޝިއާގެ މުބާރާތްތެކުން ދޭ ސްލޮޓަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، މިހާރު ގްރޫޕް ސްޓޭޖުގެ ސީދާ ޖާގަ ލިބެނީ ސުޕަލީގު ނަގާ ޓީމަކަށެވެ.

"މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ހިސާބުންވެސް އެނގޭ އަދި ފުރުސަތެއް ލިބޭނެކަން. އެ ފުރުސަތު ލިބުނީމަ ހުރިހާ ކުޅުންތެރިންވެސް ބޭނުންވި ތަފާތު ދައްކަން. ބުނެލަން އޮތީ، އޭޝިއާއޭ... ބެންގަލޫރު އެފްސީ އަނެއްކާވެސް އެނބުރި އައިސްފިއޭ،" އިންޑިއާ ގައުމީ ޓީމު އަދި ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފައިވެއެވެ.

ޗެތުރީ ބުނެފައި ވަނީ މިއީ ކްލަބު ކެރިއަރުގައި ދެވަނައަކަށް އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، އެންމެ ބޮޑު ކާމިޔާބީއަކީ ކުރީގެ ކޯޗު އެލްބާޓް ރޯކާއާއެކު 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފައިނަލްގައި ކުޅުން ކަމަށެވެ. އެލްބާޓް ރޯކާ ޓީމު ދޫކޮށްލުމުން، މިފަހަރު ތަށްޓާ ހަމައަށް ގެންގޮސްދިން ކޯޗަކީ ރޯކާގެ އެސިސްޓެންޓް ކޯޗު، ކާލެސް ކުއަޑްރެޓެވެ.

ޗެތުރީ ބުނެފައި ވަނީ ދެ ކޯޗުންނަކީވެސް އެއް ވިސްނުމެއްގެ ކޯޗުން ކަމަށާއި، ރޯކާ ކައިރިން ގިނަ އެއްޗެހިތަކެއް ދަސްވެ، ކުއަޑްރެޓާއެކު އެކަންކަން ފައްކާ ކުރެވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. shihab

    Thank u