ޓޮޓެންހަމް އިން ޓްރޮފީއެއް ހޯދުމާއި ގާތްވެއްޖެ ކަމަށް އެޓީމް ކުރީގެ ކޯޗް ހެރީ ރެޑްނެޕް ބުނެފިއެވެ.

ޓޮޓެންހަމް އިން ވަނީ 2008 ގައި ޗެލްސީ އާއި ދެކޮޅަށް ލީގު ކަޕް ފައިނަލް ކޮޅެ 2-1 ގެ ނަތީޖާއަކުން މޮޅުވެ ސިލްވާތަށި އުފުލާފައެވެ. އެހެންނަމަވެސް މި ސީޒަންގައި 3 މެޗުން ބަލިވެ ވަނީ ޕްރިމިއާލީގް ތަށި ކާމިޔާބު ކުރުމުގެ އުއްމީދު ގެއްލިފައެވެ.

މިހާރު ޓޮޓެންހަމްގެ ކޯޗް މޮރީސިއޯ ޕޮޗެޓީނިއޯ ގަބޫލްކުރާ ގޮތުގައި އެކްލަބުން ވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ނަމަވެސް ކުރީގެ ކޯޗް ރެޑްނެޕް ގަބޫލް ކުރާގޮތުގައި އެ ކްލަބަށް އަދިވެސް ވަރަށް ގިނަ ކާމިޔާބީތައް ހާސިލު ކުރެވޭނެެއެވެ.

ރެޑްނެޕް ބުނެފައިވަނީ ޓޮޓެންހަމް އަށް ކުރިއަށް އޮތް އަހަރު ތެރޭގައި ތައްޓެއް ލިބޭނެއެވެ. "އަހަރެން ވަރަށް ބަލާހިތްވޭ އެމީހުން ކުޅޭތަން. މޮޅެތި ކުޅުންތެރިން ތިބެގެން އެޓީމް އަށް ގިނަ ކާމިޔާބީ ހާސިލް ކުރެވޭނެ. ހެރީ ކޭން ފަހަތަށް މޮޅުވެފައި ދެލޭ އަލީ މެދުތެރެއަށް ކުޅޭކަން އެއީ އެމީހުންނަށް ލިބޭ ޕްލަސް ޕޮއިންޓެއް." ރެޑްނެޕް ބުންޏެވެ.

ރެޑްނެޕް ބުނީ މެންޗެސްޓާ ސިޓީއަކީ ވެސް ބަލި ޓީމެއް ނޫންކަމަށާއި ނަމަވެސް ޓޮޓެންހަމް އަށް ސިޓީގެ މެޗް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

"ސިޓީއަކީ ބަލި ޓީމެއް ނޫން. ޓޮޓެންހަމް އިން މި މެޗް ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރާނެ. ސިޓީއާއި ދެކޮޅަށް ކުޅޭ މެޗްއަކީ ވަރަށް ވާދަވެރިވާނެ މެޗެއް." އިތުރަށް ރެޑްނެޕް ބުންޏެވެ.

ޓޮޓެންހަމް ދެން މެޗެއް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހު 9 ގައި އޮންނަ ޗެމްޕިއަންސް ލީގު މުބާރާތުގެ ކުއާޓާ ފިއިނަލްގައި ސިޓީއާއި ދެކޮޅަށެވެ.