ކޮމަންވެލްތު ގޭމްސްއިން ރަން މެޑަލް ހޯދި ފެތުންތެރިޔާ، ކެނެތު ޓޯ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، ކެނެތު މަރުވެފައި ވަނީ ފެތުމުގެ ތަމްރީނުތަކުގައި އުޅެނިކޮށެވެ. އުމުރުން 26 އަހަރުގެ ކެނެތަކީ އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް ފެތުންތެރިޔާއެވެ. އޭނާ މިވަގުތު ހުރީ އެމެރިކާގައެވެ. އެއީ ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށެވެ.

ކެނެތަކީ މީގެ ކުރިން އޮސްޓްރޭލިއާ ގައުމީ ޓީމަށްވެސް ފެތި ފެތުންތެރިއެކެވެ. އޭނާ ވަނީ ކޮމަންވެލްތު ގޭމްސްގައި 2013 ވަނަ އަހަރު އޮސްޓްރޭލިއާއެކު 100 މީޓަރު ރިލޭގެ ރިހި މެޑަލް ހޯދާފައެވެ. އަދި 2014 ވަނަ އަހަރު ހޮންކޮންގް ތަމްސީލުކޮށް، އޭނާ ވަނީ ގްލެސްގްލޯގައި ރަން މެޑަލްވެސް 100 މީޓަރު ރިލޭއިން ހޯދާފައެވެ.

ކެނެތު މަރުވުމާ ގުޅިގެން ދުނިޔޭގެ އެކިއެކި ފެތުންތެރިން ހިތާމަ ފާޅުކުރަމުންދާ އިރު، އޮސްޓްރޭލިއާގެ އޮލިމްޕިއަން ޖޭމްސް މަގްނުސެން ބުނެފައި ވަނީ ކެނެތަކީ އަބަދުވެސް އެކުވެރިއެއް ކަމަށާއި، އޭނާ ނެތުމަކީ އަބަދުވެސް ފެތުމަށް ލިބޭނެ އުނިކަމެއް ކަމަށެވެ.