މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަން، އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށްވަނަ ސީޒަނަކަށް ކޮންޓްރެކްޓް އާކޮށްފިއެވެ.

އަސައްކޮ ކޮންޓްރެކްޓް އާކޮށްފައި ވަނީ ކުރިއަށް އޮތް ތިން ސީޒަނަކަށެވެ. 2012 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުންދާ އަސައްކޮ، އެ ކްލަބާއެކު އެއްބަސްވުން އާކުރިކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. 2014 ވަނަ އަހަރުން ފެށިގެން ކްލަބުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ އަސައްކޮ އަކީ ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ.

2017 ވަނަ އަހަރުގެ ސީޒަނުގައި އަސައްކޮއަށް ބޮޑު އަނިޔާއެއް ވެފައިވާ އިރު، ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތްވުމަށް އޭނާ ވަނީ ސާޖަރީވެސް ހަދާފައެވެ. ކާމިޔާބުކަމާއެކު ސާޖަރީ ހެދުމަށްފަހު، މިދިޔަ ސީޒަންގެ ތެރެއިން އެނބުރިއައިސް އަސައްކޮ އަނެއްކާވެސް ފޯމަކަށް އެޅެމުން އަންނަ އިރު، އޭނާ ވަނީ ރާއްޖެއިން 10 އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނިފައެވެ.

އެ މުބާރާތުގެ ސެމީ ފައިނަލް މެޗުގައިވެސް ކުޅެން ނުކުމެ، އަސައްކޮ ވަނީ މުހިއްމު ދަނޑިވަޅުގައި ޓީމަށް އެހީތެރިވެދީފައެވެ.

ދިވެހި ފުޓުބޯޅައިގައި އެންމެ ލީޑާޝިޕް ރަނގަޅު އެއް ކުޅުންތެރިޔާ، އަސައްކޮ އަކީ ކެޕްޓަނެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ތަފާތު ދައްކާ ކުޅުންތެރިއެކެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން ދަނީ ގިނަ ޓްރާންސްފާތަކެއް ކުރަމުންނެވެ. އެގޮތުން ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ހުސައިން ނިހާން (ނިހާޓް)ގެ އިތުރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އަދި ގައުމީ ޓީމުގެ ފޯވަޑް، ހަމްޒާ މުހައްމަދު (ހަމްޕް)ވެސް އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައިވެއެވެ. އޭގެ އިތުރުން ތަޖުރިބާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އާއި ޓީސީއަށް މިދިޔަ ސީޒަންގައި ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ވަނީ މާޒިޔާއާ ގުޅިފައެވެ.

ގިނަ ކުޅުންތެރިންތަކެއް އަންނަ ސީޒަނުގައިވެސް އެޓީމުގައި މަޑުކުރަން އެއްބަސްވެފައިވާ އިރު، ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު އަމްދާން އަލީ (އެންޑީ)އާއި ސަމޫހު އަލީ (ސަމުއްޓެ)ގެ އިތުރުން މެދުތެރެއިން ކުޅޭ، މުހައްމަދު އިރުފާން (އިރޭ)އާއި އަބްދުﷲ ޖުނައިދު (ޖޭނޭ)ވެސް ވަނީ ކުރިއަށް އޮތް ތިން އަހަރަށް ކޮންޓްރެކް އާކޮށްފައެވެ.

އޭގެ އިތުރުން މޫސާ ޔާމީން (ޔާމްބެ)އާއި ހަސަން ޝިފާޒް (ޑުންގާ) އަދި ގައުމީ ޓީމުގެ ޑިފެންޑަރު މުޖުތާޒު މުހައްމަދު (މުޖޭ)ވެސް ވަނީ އިތުރު ތިން އަހަރު މާޒިޔާގައި މަޑުކުރަން އެއްބަސްވުން އާކޮށްފައެވެ.